ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ނ. މާފަރު ފަޅު ތެރޭގައި ރިސޯޓެއް ހަދައި ފަތުރުވެރިކަން ފުޅާ ކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ޑރ. މުއިއްޒު ވަނީ ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ، ފުރިހަމަކޮށް ދެއްވާނެ ކަންކަމުގެ ލިސްޓެއް އާންމު ކުރައްވައިފަ އެވެ.
ޑރ. މުއިއްޒު ވިދާޅުވީ މާފަރު ރައްޔިތުންގެ ނުރުހުގައި އިހްތިސާސްގައި ހިމެނޭ ބައެއް މި ސަރުކާރުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ތިން މަސް ތެރޭގައި އެ ނިންމުން ބަދަލު ކުރައްވައި، އެ ބައި މާފަރުގެ އިހްތިސާސްގެ ތެރެއަށް ވައްދައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާފަރަށް މުއިއްޒު ވެވަޑައިގެންނެވި ބައެއް ވައުދުތައް:
- މަގުތައް ޒަމާނީ ފެންވަރެއް ހަދައި ދިނުން– ސިއްޚީ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުން
- ފަޅުތެރޭގައި ރިސޯޓް ހެދުން
- ކަރަންޓް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރުން
- ފުޓުބޯޅަ ދަނޑު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން
- ހައުސިން މައްސަލަތަކަށް ހައްލު ގެނެއުން
ޑރ. މުއިއްޒު ވިދާޅުވީ މާފަރުގެ ރައްޔިތުން އެދޭ ތަރައްގީ ހާސިލްކޮށް ދިނުމަކީ ކުރައްވާނެ ކަމެއް ކަމަށެވެ. އަދި އެކަން ކުރެއްވޭނެ ތަސަައްވުރާއި ޖޯޝް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ނ. އަތޮޅުން ދެވަނަ ބުރުގައި ބޮޑު މެޖޯރިޓީއެއް ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި މާފަރުން ދެއްވި ތާއީދަށް ޝުކުރު ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.