ތިލަމާލެ ބްރިޖްގެ މަސައްކަތް ނިންމާނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ހުޅުދުއްފާރުގައި މިރޭ ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވީ މިސަރުކާރަށް ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގެނީ ސަރުކާރުން ގެންގުޅެ ދޯހަޅި ސިޔާސަތު ތަކެއްގެ ސަބަބުން ކަމަށެވެ.
މިސަރުކާރުން 700 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހަދާ ތިލަމާލެ ބްރިޖްގެ މަސައްކަތަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލެއާއި މާލެއާ ދެމެދު ބްރިޖް އެޅީ 190 މިލިއަން ޑޮލަރުން ކަމަށެވެ. މިސަރުކާރުން ތިލަމާލެ ބްރިޖް އެޅުމަށް 194 މިލިއަން ޑޮލަރު މިހާރު ހަރަދުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމައަށްވެސް ބްރިޖްގެ ތަނބެއްވެސް ފެންނަން ނެތް ކަމަށެވެ.
މިއަހަރުގެ ޖޫން މަހު ބްރިޖްގެ މަސައްކަތް ނިމޭނެ ކަމަށް ސަރުކަރުން ބުނި ނަމަވެސް އެބްރިޖްއަށް ވީގޮތެއްވެސް އަދިވެސް ނޭނގޭ ކަމަށާއި ބްރިޖްވެސް ފެންނަން ނެތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަސައްކަތް ނިންމާނީ އޭނާގެ ވެރިކަމެއްގައި ކަމަށެވެ.
"ލޯނު ނަގައިގެން 700 މިލިއަން ޑޮލަރުން 190 މިލިއަން ޑޮލަރު ހަރަދު ކޮށްފިޔޭ މިހާރު ހަރަދު ކުރި އިރު ފެންނާކަށް ނެތޭ އެންމެ ތަނބެއްވެސް އެކަމަކު ވައުދުވީ ނޫންތޯއޭ ދުއްވޭނޭ މާލެއާ ވިލިމާލެއާ ދޭތެރޭގައި ރައްޔިތުންނަށް މަޝްރޫއުތަކުން ލިބޭ އުފާ ފާގަތިކަން ގެނެސްދީ އެ ބްރިޖްވެސް ނިންމަ ދެނީ އަޅުގަނޑުމެން،" މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މިސަރުކާރުން ހިންގި ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަނަށް ވީގޮތެއް ވެސް ނޭނގޭ ކަމަށާއި ރައްޔިތުންގެ ފައިސާ އިން 130 މިލިއަން ޑޮލަރު ހަރަދުކޮށްގެން ގެންނަން ބުނި ވެންޓިލޭޓަރުތަކާ 130 މިލިއަން ޑޮލަރަށް ވީގޮތެއް ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށެވެ.
"ކޮބައިތޯ ވެންޓިލޭޓަރުތައް ކޮބައިތޯ އެ 130 މިލިއަން ޑޮލަރު މިއަށް ޖަވާބު ނުދީ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ސަރުކާރުން އައީމާ އޭގެ "މޯރަލް އޮތޯރިޓީ" ވެސް ނެތެއް ނޫންތޯ؟ ރައްޔިތުންނަށް އިނގެންޖެހޭ ރައްޔިތުންގެ 130 މިލިއަން ރުފިޔާއަށް ވީގޮތާ ވެންޓިލޭޓަރުތަކަށް ވީގޮތް،" މުއިއްޒު ވިދާޅުވި އެވެ.
މިސަރުކާރުން ހިންގާ އުމްރަނީ ތަރައްގީތަކައި މެދު ސުވާލު ކުރަން ޖެހޭ ކަމަށާ އެކަންކަމާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ މިމުޖުތަމައަކީ ވަރަށް ތައުލީމީ ވަރަށް ހޭލުންތެރި ޒުވާންޖީލެއް ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މިސަރުކާރު ޖަވާބު ދާރީ ކުރުވާނެ ކަމަށެވެ. އަދި ސަރުކާރު ހިންގުމުގެ ތެރޭގައި ގާނޫނު އަސާސީގަ ލިބިގެންވާ ކޮންމެ ހައްގެއް ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.