މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބެހެއްޓި ފޯޓު ފޮއްޓަށް ވުރެ ދެވަބަ ބުރުގައި ބަހައްޓަ ވޯޓު ފޮށީގެ އަދަދު އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ފުރަތަމަ ބުރަށް ވުރެ ދެވަނަ ބުރުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު އިތުރު ވާނެ ކަމަށެވެ. އަދި ދެވަނަ ބުރުގައި ވޯޓު ފޮށީގެ އަދަދު އިތުރު ކުރަން ނިންމީ ރީ -ރަޖިސްޓްރީ ކުރި މީހުން އިތުރުވެގެން ކަމަށް ހަބީބު ވިދާޅުވި އެވެ. އެގޮތުން 12 ވޯޓު ފޮށި އިތުރުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުރަތަމަ ބުރުގައި ބަހައްޓާފައި ވަނީ 574 ވޯޓު ފޮއްޓެވެ. މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި 586 ވޯޓު ފޮށީ ބެހެއްޓުމަށް މިހާރު ވަނީ ނިންމާފަ އެވެ.
އިތުރުވި ވޯޓު ފޮއްޓަކީ:
- މާލޭގައި ހަތަރު ފޮށި
- ހުޅުމާލެ ފޭސް 1 ގައި ދެ ފޮށި
- ހުޅުމާލެ ފޭސް 2 ގައި ހަތަރު ފޮށި
- ވިލިމާލޭގައި އެއް ފޮށި
- އިންޑިއާގެ ޓްރިވެންޑްރަމްގައި އެއް ފޮށި
ވޯޓުލާ 43 މަރުކަޒެއް ދެވަނަ ބުރުގައި ބަދަލުކޮށްފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ. ވޯޓުލާ މަރުކަޒުތައް ބަދަލުކުރީ ޖާގައިގެ ގޮތުން ކުޑަ ތަންތަނާ ވޯޓުލާން ހުންނައިރު އެހެން މީހުންނަށް އެމީހާގެ ވޯޓު ކަރުދާސް ފެންނަ ގޮތަށް ހުރި ތަންތަން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ ދެވަނަ ބުރުގައި ހަރަކާތްތެރިވާ މޮނީޓަރުންނާއި އޮބްޒާވަރުން ވެސް ގިނަވާނެ ކަމަށާއި އެގޮތުން ދެވަނަ ބުރުގައި 10،500 އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ. ފުރަތަމަ ބުރުގައި އޮބްޒާވަރުންގެ ގޮތުގައި ތިބީ 8،000 އެއްހާ މީހުންނެވެ.
ހަބީބު ވިދާޅުވީ ވޯޓާސް ލިސްޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުންގެ މަންދޫބުން އަންނަ އަންގާރަ ދުވަހު ސޮއިކުރާނެ ކަމަށެވެ.