ހުއްދަނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ނޫސްވެރިތަކެއް ކަމަށް ބުނެ ބަޔަކު ވަންނަން މަސައްކަތް ކުރި މައްސަލަ ބަލއިދިނުމަށް އެދި ފުލުހުންނަށް ހުށައަޅައިފި އެވެ.

އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުންދާ ސިފައިންގެ ރަށް ކަމަށްވާ ސިފަވަރުގެ ބަނދަރަށް ލޯންޗެއްގައި އިއްޔެގެ ވަގުތެއްގައި ވަންނަށް އުޅެފައިވަނީ "ދިޔަރެސް"ގެ ނޫސްވެރިއަކާއި އިތުރު ބަޔެކެވެ. އުތުރުތިލަފަޅުގެ ބަނދަރު ސަރަހައްދުގައި ދިޔަރެސްގެ ނޫސްވެރިން ހަރަކާތްތެރިވާ ވީޑިއޯއެއް އެ ނޫހުގެ ބައެއް ނޫސްވެރިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ އުތުރުތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސިފަވަރު ބަނދަރަށް ހުއްދަ ހޯދުމެއްނެތި ވަދެ ވީޑިއޯކޮށް، ވިޑިއޯ އާންމު ކޮށްފައި ވާތީ އާއި، އެ ރަށުގައި ހުރި އެމްއެންޑީއެފްގެ ސާޖެންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ އެރަށަށް އަރަން އުޅުނު މައްސަލަ ބަލައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެމްއެންޑީއެފްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުންތަކަށް ތަރައްގީކުރަމުން އަންނަ ސަރަހައްދު ފިޔަވައި އެ ފަޅުގެ ބާކީ ސަރަހައްދުތައް ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވަނިކޮށް އިއްޔެގެ ވަގުތެއްްގައި ދިޔަރެސްގެ ނޫސްވެރިން ލޯންޗެއްގައި ގޮސް ހުއްދަނެތި ސިފައިންގެ ބަނދަރު ތެރެއަށް ވަދެ ވީޑިއޯކޮށް ހުއްދަނެތި އެ ރަށަށް އަރަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެ ފަޅުގައި އެމްއެންޑީއެފްއިން ތަރައްގީކުރަމުން އަންނަ ބަނދަރުގެ މަސައްކަތް ދައްކާލުމަށް ވަރަށް ފަހުން ވެސް އެ ކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ފަހިކޮށްދީފައިވަނިކޮށް، އެ ގޮތަށް ހުއްދަ ހޯދުމެއް ނެތި އެ ރަށަށް އަރަން މަސައްކަތްކުރުމަކީ ގާނޫނާއި ގަވާއިދާ ޚިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގައިފައިވާ ދަށުދަރަޖައިގެ އަމަލެއްކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

ސިފައިންގެ މަރުކަޒުތަކަކީ ހުއްދަނެތި ވަނުން މަނާ ތަންތަން ކަމަށާއި އެ ފަދަ ތަނަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެ ކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަމަށް އެ ބަޔާނުގައިވެ އެވެ.

ސިފައިންގެ ބަނދަރު ތަރައްގީކުރަމުން އަންނަ ސަރަހައްދަށް ހުއްދަނެތި އެރުމަށް މަސައްކަތްކުރަމުމުން އެކަން ހުއްޓުވުމަށް އެ ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް ސާޖެންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް މަސައްކަތްކޮށްފައިވަނީ ވެސް އެ އުސޫލުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެމްއެންޑީއެފްއިން މިހެން ބުނި ނަމަވެސް އުތުރު ތިލަފަޅުން ގޯތި ދޫކުރާ ސަރަހައްދު ބަލަންދިޔަ ނޫސްވެރިން ބުނެފައިވަނީ އެމީހުން އެސަރަހައްދަށް ދިޔައީ ރައީސް އަދި ދިވެހި ސިފައިންގެ އެންމެ މަތީވެރިޔާ އެސަރަހައްދު ބެލުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބިގެންދާނެ ކަމަށް ބުނެފައިވާތީ ކަމަށެވެ.