ޕީޕީއެމް ވެރިކަމަށް އަތުވެއްޖެނަމަ އަނިޔާވެރިކަން އިއާދަވާނެކަން ހާމަވެގެންދަނީ، އޭނާއާ މަގުމަތިން ދިމާކޮށް ފުރައްސާރަކޮށް، އެޕާޓީގެ ބައެއް ސަޕޯޓަރުން އިންޒާރުދޭތީ ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

"ދިޔަރެސް" ނޫހުގައި މަސައްކަތް ކުރާ ކަމަށް ބުނާ ނޫސްވެރިއަކު ނިޔާޒަށް ފުރައްސާރަ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ އާންމުކޮށްފައި ވަނީ ނޫސްވެރިއެއްގެ ނަމުގައި އެކަމަކު، މި ސަރުކާރާ ދެކޮޅަށް މީސް މީޑިއާގައި ވާހަކަ ދައްކަމުން އަންނަ ޒުވާނެކެވެ.

އެ ޒުވާނާ ނުރުހުންވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ ވާހަކަތައް ދައްކާފައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ ވާހަކަތައް ނިޔާޒް ނުދައްކަވާތީ އެވެ. އަދި ނިޔާޒްއަކީ ނާޖައިޒު ފައިދާ ނަންގަވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި މިހާރު ވެސް ރަށެއްގައި ދޯނިތަކެއް ބަންނަމުންދާ ކަމަށް ވެސް އެ ޒުވާނާ ތުހުމަތުކޮށްފައިވެ އެވެ.

ނިޔާޒް ވިދާޅުވީ، އޭނާ ބޭންކަށް ވަޑައިގެންނެވި މަގުމަތީގައި "ބޯ ދިގުކޮށްފައިވާ" ގުންޑާއެއް އޭނާއާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށް އިންޒާރު ދީފައިވާ ކަމަށެވެ. އެމީހާގެ ފޮޓޯ ވެސް ނިޔާޒް ވަނީ ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފަ އެވެ.

"އަޅުގަނޑު ބޭންކަށް ދިޔަ މަގުމަތީގައި ތިރީގައިވާ ފޮޓޯ އިން ފެންނަ ބޯދިގުކޮށްފައި އިން ގުންޑާ ވަނީ މަގުމަތިން ދިމާކޮށް ފުރައްސާރަކޮށް އިންޒާރުދީ ހަދާފައި. މިހާރުއްސުރެ ޕީޕީއެމްގެ އަސްލު ސިފަ މިދަނީ ފެންނަމުން. ވެރިކަން ލިބިއްޖެ ނަމަ ކަންތައްތައް ހުންނާނެ ގޮތް އަންދާޒާކޮށްލައްވާ،" ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒްއާ ދިމާކުރި މީހާގެ ކަންބޮޑުވުމަކީ ނިޔާޒް ބައެއް މީޑިއާތަކަށް ދެއްވާފައިވާ އިންޓަވިއު އެވެ.

ނިޔާޒް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ސަރުކާރެއް އަޔަ ނުދިނުމަށްޓަަކައި މަސައްކަތް ކުރާންޖެހޭ އެތައް ބައިވަރު ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އޭނާ ވަނީ އޭރުގެ ސަރުކާރުން ކަންކަން ކުރަމުންދިޔަ ކަންކަން ހަނދާންކޮށް އެ ތާރީހު އިޔާދަވިިޔަ ނުދިޔަމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ނިޔާޒް ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމުގައި އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވިއިރު، އެ ސަރުކާރުގެ އެތެރޭގައި ދައުލަތުގެ ވަސީލަތްތަކަށް ހިޔާނާތްތެރިވަމުންދިޔަ މިންވަރާއި އެ ހުރިހާ ކަމެއްގެ މައުލޫމާތު ލިބި، އެކަންކަން ރައްޔިތުންނަށް ހާމަ ކުރުމުން ވެގެންދިޔަ ގޮތް ދިވެހި އެއްވެސް ރައްޔިތަކަށް އޮޅިފައި ނޯންނާނެ ކަމަށެވެ.