ހުޅުމާލެ ސައުތު ވެސްޓް ހާބަރު ތަރައްގީ ކުރުމުގެ މަޝްރޫއު، ޖީޕީއެލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
އާބަންކޯއިން މިއަދު ބުނީ މިވަގުތު މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވަނީ އެންމެ ޖެޓީ ހާބަރެއް ކަމަށްވާތީ އެތަނުގައި ޖާގައިގެ ދަތިކަން އެބަހުރި ކަމަށާއި އެކަމަކު މި މަޝްރޫއުގެ ދަށުން އެ ކަންކަމަށް ހައްލު ލިބޭނެ ކަމަށެވެ.
ހުޅުމާލެގައި މިވަގުތު ކަމް ކާގޯ ވެސެލްއަށް ހާއްސަކޮށްގެން ބަނދަރެއް ނެތުމުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ވެހިކިއުލާ ހާބަރެއް ތަރައްގީ ކުރާނެ ކަމަށާއި އަދި އޭގެ ސަބަބުން، ޑިންގީ ގެންގުޅޭ ފަރާތްތަކަށް ވެސް ފަސޭހަ ވާނެ ކަމަށް އާބަންކޯއިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޕާކިން ޒޯނެއް ތަރައްގީ ކުރާނެ އެވެ. އެކަމުގެ ސަބަބުން މާލެ ސަރަހައްދުގައި އުޅަނދު ޕާކު ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ލުޔެއް ލިބޭނެ އެވެ.
އާބަންކޯއިން ބުނީ ކާރާއި ސައިކަލުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ޕާކިން ޖާގަ ގާއިމް ކުރާނެ ކަމަށެވެ.