މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ން މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ޚާއްސަ މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕެއް ފަށައިފި އެވެ.
މިއީ އެމްއެމްޕީއާރުސީން މި އަހަރު އެކި މާކެޓްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ރާވާފައިވާ ދަތުރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ދަތުރުވެ. އެގޮތުން މިި ފެށި ފެމިލިއަރައިޒޭޝަން ޓްރިޕްގައި މެދުއިރުމަތީގެ މަޝްހޫރު ހަތަރު މީޑިއާ ކަމަށްވާ ސެވޮއާ ފްލެއާ، ދަ ނެޝަނަލް، މިލޭނިއަމް މިލިޔަނާ އަދި ފެކްޓް އަބޫދާބީގެ ތަޖުރިބާކާރު ހަތަރު ނޫސްވެރިން ރާއްޖެ އައިސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއެމްޕީއާރުސީން ބުނީ މި ފެމިލިއަރައިޒޭޝަން ޓްރިޕްގެ މަގުސަދަކީ ރާއްޖެއަކީ މެދުއިރުމަތީގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރަން އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށެވެ. އަދި ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަކީ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ވެސް އެންމެ ރައްކާތެރި އަދި ހިތްގައިމު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަކީ ވެސް އޭގެ މަގްސަދެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޓީމު ރާއްޖޭގައި ހޭދަކުރާ ހަ ދުވަހުގެ ދަތުރުގައި ތިބުމަށް ހަމަޖެހިފައިވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު އަދި ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގަ އެވެ. އެގޮތުން އެ ރިސޯޓްތަކުން އާއިލާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކާއި، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ޓޫރިޒަމަށް ރިސޯޓުން ކުރާ ކަންކަމުގެ އިތުރުން ތަފާތު ކެއުންތަކާއި މޫދުކުޅިވަރު ހަރަކާތްތަކުގެ އިތުރުން ކޮންމެ ރިސޯޓަކުން ވެސް ޓޫރިސްޓުންނަށް ތަޖުރިބާކުރެވެން ހުންނަ ތަފާތު ތަޖުރިބާތައް ދަތުރުގައި ބައިވެރިވާ ނޫސްވެރިން ތަޖުރިބާކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މީގެ އިތުރުން މި ދަތުރަށްފަހު ދަތުރުގައި ބައިވެރިވި ކޮންމެ ނޫހެއްގެ ޕްރިންޓް، އޮންލައިން އަދި މީސްމީޑިއާގެ ޒަރިއްޔާއިން ރާއްޖޭގައި ލިބެން ހުންނަ ޚިދުމަތްތަކާއި ދަތުރުގައި ތިބި ކޮންމެ ރިސޯޓަކުން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތަކާ ބެހޭ އާޓިކަލް ޝާޢިރު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި އާޓިކަލްތައް 3.7 މިލިއަނަށް ވުރެ ގިނަ މީހުންނަށް ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މިދިޔަ އަހަރު މެދުއިރުމަތިން ދިވެހިރާއްޖެއަށް ވަނީ 26،288 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް ބޯޑަރު ހުޅުވާލުމަށް ފަހު ރާއްޖެއަށް މެދު އިރުމަތީގެ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.