ރައީސް އަބްދުﷲ ޔާމީނާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެ ބޭފުޅުން ބައްދަލުވުންތައް ކުރިއަށް ގެންދަވާ ކަމަށާއި އެހެން ނަމަވެސް އެދެވޭ ވަރަކަށް މަޝްވަރާ ނުކުރެވޭ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުހައްްމަދު ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުއިއްޒު އާއި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެންމެ އެދެވޭ މިންވަރަށް ބައްދަލުވުންތައް ނުބޭއްވޭ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ރައީސް ޔާމީން އާއި މުއިއްޒުއާ އެއްވެސް ހިތްހަމަނުޖެހުމެއް އޮތްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ފިރުޒުލް ވިދާޅުވީ ރައީސް ޔާމީން އާއި ޑރ. މުއިއްޒުއާ އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ. ރައީސް ޔާމީންއާ ބައްދަލުކުރައްވާ އެކިކަންކަމުގައި މަޝްވަރާ ކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ ސަރުކާރު ހިނގުމުގެ އެކިއެކި ކަންކަމުގައި ރައީސް ޔާމީންގެ ލަފާފުޅު ލިބޭ ކަމަށާއި އެކަން ކަމާމެދު ވެސް މުއިއްޒު އާއި ޔާމީންއާ މަޝްވަރާ ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެންމެ އެދެވޭ ވަރަށް މަޝްވަރާ ނުކުރެވޭ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
"އެންމެ ބޭނުންފުޅުވާ ގޮތަކަށް މަޝްވަރާ ކުރަން ފުރުސަތެއް ނުލިބޭ ރައީސް ޔާމީން މިވަގުތު ހުންނެވި ގާނޫނީ ހާލަތުގެ ގޮތުން. އަދި ހަމަ އެހެންމެ އިންތިހާބީ ރައީސް އިންތިގާލީ މަރުހަލާގެ މަސައްކަތްޕުޅު ފައްޓަވާ ވަރަށް ގިނަ ބޭފުޅުންނާއި ޑިޕޮލޮމޭޓުންނާ ބައްދަލު ކުރެއްވުމުގައި އުޅުއްވާތީ،" ފިރުޒުލް ވިދާޅުވި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެހެން ނަމަވެސް އެމަނިކުފާނު މި ވަގުތު ހުންނެވީ ގޭބަންދުގަ އެވެ.