ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ އަހަރު ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު "ބަޅިނދު"ގެ ޝޫޓިން ނިންމާލައިފި އެވެ.
ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ގިނަ މަސައްކަތް ކުރަމުން އަންނަ އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން ބުނީ އަހުމަދު ޝިނާނު ޑައިރެކްޓްކޮށް ގެނެސްދޭ ބިރުވެރި ފިލްމު "ބަޅިނދު"ގެ ޝޫޓިން މިހާރު ނިންމާލާފައިވާ ކަމަށެވެ.
2019 ވަނަ އަހަރު "ބަޅިނދު"ގެ ޝޫޓިން ފުރަތަމަ ފެށި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއެކު ފިލްމުގެ މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ. މިފިލްމުގެ މަސައްކަތް ނިންމާލާފައި މިވަނީ ފިލްމުގެ ބޮޑު ބައި އަލުން ޝޫޓް ކުރުމަށްފަހު އެވެ.
ހޫދު އިބްރާހީމް ލިޔެފައިވާ ބިރުވެރި ހަގީގީ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ބަޅިނދުގައި މުހިއްމު ރޯލުތައް އަދާކުރާ ތަރިންގެ ފޮޓޯތައް ވެސް ޑާކް ރެއިންގެ ސޯޝަލް މީޑިއާ އެކައުންޓްގައި މީގެ ކުރިން ވަނީ ދައްކާލާފަ އެވެ.
"ބަޅިނދު" ގައި މުހިންމު ރޯލުތަކުން ފެނިގެން ދަނީ ޝަރަފު އަބްދުﷲ، އައިމިނަތު ރަޝްފާ (އާޝާ)، އަލީ އާޒިމް (ދޮންއައްޔަ)، އިސްމާއީލް ޖުމައިހް (ޖުމާ)، މަރިޔަމް މަޖުދާ (މަޖޫ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.
މި ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމި ނަމަވެސް ސީދާ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޑާކް ރެއިނުން ދެން އެންމެ އަވަހަށް ގެނެސްދޭން އޮތް ފިލްމަކީ ޑިސެމްބަރު 4 ގައި ރިލީޒްކުރާ އަސަރު ގަދަ ލޯބީގެ ފިލްމު "ނޮވެމްބާ" އެވެ. މިއީ އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދޭނެ ތިން ވަނަ ފިލްމެވެ. ފެބްރުއަރީ އޮލިމްޕަހުގައި އެޅުވި "ބީވީމާ" ގެ އިތުރުން މާޗްގައި މީޑިއާނެޓް މެދުވެރިކޮށް ޑާކް ރެއިނުން ލޯބީގެ ފިލްމު "ހިނދުކޮޅެއް" ގެނެސްދިނެވެ.
އަންނަ އަހަރުވެސް ގިނަ ފިލްމުތަކެއް ޑާކްރެއިން ގެނެސްދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ބައެއް ފިލްމުތައް އަޅުވާ ތާރީހުވެސް ވަނީ އިއުލާނު ކޮށްފަ އެވެ.