ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ހޮލިޑޭ ސީޒަނަށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ކޮންމެ އަހަރަކު ހޮޓެލިއާ މޯލްޑިވްސް އިން ބާއްވަމުން އަންނަ ޖެނަރަލް މެނޭޖަރުންގެ ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ފަތުރުވެރިކަމުގެ ސިނާއަތް، ކުރިއަށް ގެންދަން ބޭނުންވާ ހިސާބަށް ގެންދިއުމަށް، ނިންމަންޖެހޭ އެންމެ މުހިންމު މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކަމަށެވެ. އަދި އުންމީދު ކުރައްވަނީ، އެއާޕޯޓުގެ މަޝްރޫއަށް ފަންޑު ކުރައްވާ ފަރާތްތަކުންނާއި، މަސައްކަތް ކުރައްވާ ކޮންޓްރެކްޓަރުން މަސައްކަތް ކުރިއަށްދާ މިންވަރު އަވަސް ކުރެއްވުން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި 2024 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ "ޕީކް ސީޒަން"ގެ ކުރިން އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިމި، ފަތުރުވެރިކަމުގެ ދާއިރާއަށާއި، އޭވިއޭޝަންގެ ދާއިރާއަށް، މަންފާ ކުރާނެކަމަށް އުންމީދު ކުރައްވާ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި އެވެ.
"ފަތުރުވެރިކަން ފުޅާކުރުމަށް ހިންގޭނެ އެންމެ ބޮޑު މަޝްރޫޢަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމުން. އަޅުގަނޑު އުންމީދު ކުރަނީ މި މަޝްރޫޢަށް ފައިނޭންސް ކުރާ ތަންތަނުންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރުން، މަސައްކަތް އަވަސްކޮށް، 2024 ވަނަ އަހަރުގެ "ޕީކް ސީޒަން"ގެ ކުރިން އެއާޕޯޓުގެ މަންފާ ފަތުރުވެރިކަމުގެ ދާއިރާ އަށާއި، އެވިއޭޝަންގެ ދާއިރާއަށް ކުރުން." އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީކޮށް އާ ހަރުފަތަކަށް ގެންދެވުމަށް ވެވަޑައިގެންފައިވާ ވައުދުތައް ތަކުރާރުކުރައްވައިފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ޑޮމެސްޓިކް އެއާޕޯޓްތައް ގާއިމުކުރައްވައި ދަތުރުފަތުރު ނެޓްވޯރކް ފުޅާކޮށް ފުރިހަމަ ކުރައްވާނެކަމަށް އިންތިހާބީ ރައީސް ވިދާޅުވި އެވެ. އަދި ދިވެހި ރާއްޖޭގެ ދެކުނުގައި ސީޕްލޭން ހަބެއް ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އިންތިހާބީ ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދިވެހި "ޕްރޮޑަކްޓް"ތައް ޕްރޮމޯޓްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފުޅާކުރެއްވުމުގެ އިތުރަށް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާ ކުރައްވާނެ ކަމަށެވެ.
މޯލްޑިވިއަން އާއި އެމްއޭސީއެލްގެ ހިންގުން ހަރުދަނާކުރައްވައި ދެ ކުންފުންޏަކީ ހާއްސަ ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް، އަދި ޖުމުލަ ގޮތެއްގައި މުޅި ދިވެހި އިޤްތިޞާދަށް ފައިދާކޮށްދޭ ދެ ކުންފުންޏަށް ހައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފަތުރުވެރިކަމުގައި އަންހެނުންގެ ބައިވެރިވުން ފުޅާކުރުމަށް ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ގެންނަޖެހޭ ބަދަލުތައް ގެނެސް، ހަމަހަމަ އުޖޫރު ލިބިދެވޭކަން ޔަގީންކޮށް، ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރާއި ބައިވެރިވުން އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ފައިދާ ސީދާ ގޮތެއްގައި ޒުވާނުންނަށް ފައިދާވާނެ މަގަށް ސިޔާސަތުތައް ބައްޓަންކުރުމަށް އުއްމީދު ކުރައްވާކަމަށާއި، އެ މަގަށް ޞިނާޢަތުގެ ހުރިހާ ޙިއްސާދާރުން ވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި، ދިވެހީން ދުނިޔޭގައި ހިފަހައްޓަމުން އަންނަ، މާކެޓް ލީޑަޝިޕް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާ އެކު ވެސް، ދުނިޔޭގެ މައިދާނުގައި ފަތުރުވެރިކަމުގެ އެންމެ އިސް މަޤާމު ދެމެހެއްޓުމަށް މަސައްކަތް ކުރުންޖެހޭކަން ފާހަގަ ކުރެއްވި އެވެ.