ގައުމު ސަލާމަތް ކުރުމަށް ރިޔާސީ ކެމްޕެއިން ތެރޭގައި ނެރުނު ހިތްވަރަށް ވުރެ މާ ވަރުގަދަ ހިތްވަރެއް ނެރެން ޖެހޭ ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ކެމްޕެއިން ޓީމުތަކުންނާއި ރާއްޖޭގެ ރައްޔިތުން ކުރީ ބުރަ، އިހްލާސްތެރި، މިންނެތް އަދި ގައުމީ މަސައްކަތެއް ކަމަށެވެ. އެހެންވެ، ހުރިހާ އެންމެންނަށް ޝުކުރު ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމު މިއަދު އޮތް ހާލަތުން އަޅުގަނޑުމެން އެދޭ މަންޒިލަށް ދިވެހިންގެ ރާއްޖެއަށް ގެންދިއުމަށްޓަކައި ހުރިހާ ބޭފުޅުން އެކުގައި ތެދުވެވަޑައިގެން ތިޔަ ކުރެއްވީ ރެއާއި ދުވާލު ވަރަށް ވަރުގަދަ މަސައްކަތެއް. ތިޔަ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންގެ ގައުމުގެ މުސްތަގްބަލް އުޖާލާ ކުރުމަށް އަޅުގަނޑުމެންނަށް ފުރުސަތެއް ލިބިގެން މިދިޔައީ." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކަމެއް ހާސިލް ކުރުމަށް ފަހު، އެކަން ދެމެހެއްޓުން ފަސޭހަ ވާނެ ކަމަށާއި ކުރިއަށް އޮތީ ވެރިކަން ދެމެހެއްޓުން ކަމަށެވެ. އެއީ ވެސް ގައުމީ އަދި ވަރުގަދަ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ އަޅުގަނޑުމެން އެންމެންނަކީ މި ކެމްޕެއިން ކާމިޔާބު ކުރުމުގައި މި ދެއްކި އެކުވެރިކަން އެގޮތުގައި ދައްކައި އަޅުގަނޑުމެންގެ މި ގައުމު ސަލާމަތް ކުރުމުގައި އެ އެކުވެރިކަން މަތީގައި އެއަށް ވުރެ ނުގުޑާ އަޒުމެއްގައި ގައުމައިގެން ކުރިއަށް ދިއުމުގައި އަތުކުރި އޮޅާލައި ބަޔަކަށް ވެގެންދާން." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ ކުރިއަށް އޮތީ މުހިންމު، ހައްސާސް ދުވަސްތަކެއް ކަން ފާހަގަ ކުރައްވައި، ގައުމު ހަމަ މަގަށް އެޅުވުމުގައި މި ފެށޭ މަސައްކަތުގައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި އެކުވެރިކަމާ އެކީގައި ކުރިއަށް ދާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"އެކުވެރިކަމަކީ ގަދަފަދަ ބާރެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމަށް އޮތީ އުޖާލާ މުސްތަގުބަލެއް." މުއިއްޒު ވިދާޅުވި އެވެ.