ހުޅުމާލެ ފޭސް 3 ސައިޓް އޭ އެއްކޮށް ހިއްކައި ސައިޓް ބީ ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
ހުޅުމާލެ ފޭސް 3 ސައިޓް އޭ އެއްކޮށް ހިއްކައި ސައިޓް ބީ ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު ސައިޓް އޭ ހިއްކާ ނިންމާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. ސައިޓް އޭގައި ހިއްކައިފައިވަނީ 10 ހެކްޓަރެވެ. ސައިޓް ބީގައި ހިއްކުމަށް ހަމަޖެހިފައިވަނީ 26 ހެކްޓަރެވެ. ސައިޓް ބީއަށް ފަހު ހިއްކަން ފަށާނީ ސައިޓް ސީ އެވެ. ސައިޓް ސީ ގައި 24 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
ސައިޓް ބީ ހިއްކުމުގެ މަސައްކަތް މިހާރު ފަށަފައިވާއިރު އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް 22 އޮކްޓޯބަރު ވާ އާދިއްތަ ދުވަހުގެ ކުރިން ނެގުމަށް އާބަންކޯ އިން ވަނީ އަންގައިފަ އެވެ.
ސައިޓް ބީ ހިއްކަމުންދާ ސަރަޙައްދަކީ، ސަފާރީ އާއި ޔޮޓް ފަދަ އުޅަނދުތައް އަޅަފައިވާ ސަރަޙައްދެކެވެ. ސައިޓް ބީ ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ އާބަންކޯއިން ވަނީ އެ ސަރަޙައްދުގައި ހުރި އުޅަނދުތައް ނަގާ، އާބަންކޯއިން ހަމަޖައްސައިދީފައިވާ އިތުރު ސަރަޙައްދުތަކަށް އުޅަނދުތައް ގެންދިއުމަށް އެދިފަ އެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއަކި މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔަވަހި ކަމަށް ހައްލު ގެނައުމަށް ހިންގާ މަޝްރޫއުގެ ބައެކެވެ.
ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ މަޝްރޫއެކެވެ.