ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދުރާ ވަރިވެއްޖެ އެވެ.

މިކަން ހާމަކޮށްފައިވަނީ ޝިލްޕާގެ ފިރިމީހާ ރާޖް ކުންދުރާ އޭނާގެ އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ. އެޕޯސްޓްގައި ބުނެފައިވަނީ އެމީހުން މިހާރު ވަކިވެފައިވާ ކަމަށެވެ. އަދި މި ދަތި ދުވަސްވަރު ވަގުތު ދިނުމަށް ފޭނުން ކިބައިން ވަނީ ރާޖް އެދިފަ އެވެ.

އެހެން ނަމަވެސް މިވާހަކަތަކާއި މެދުގައި ޝިލްޕާ އަދި ވަކި އެއްޗެއް ހާމަކޮށްފައިނުވެ އެވެ.

ޝިލްޕާ އާއ ރާޖް ކައިވެނިކުރީ 2009 ގަ އެވެ. އަދި ކައިވެންޏަށް ދެ ދަރިން ވެސް ލިބިފައިވެ އެވެ.

މިދުވަސްވަރު ރާޖު ކުންދުރާ އަންނަނީ އޭނާގެ ފުރަތަމަ ފިލްމުގެ ޕްރޮމޯޝަން މަސައްކަތް ކުރަމުންނެވެ. އެއީ އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ފިލްމު "ޔޫޓީ 69" އެވެ. މިފިލްމުން ފެނިގެންދާނީ 2021 ގައި ރާޖްގެ މައްޗަށް ތުހުމަތު ކުރެވުނު ބަރަހަނާ ފިލްމުތައް ހަދައި، އާމްދަނީ ހޯދާކަމުގެ ތުހުމަތުތަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ޖަލުގައި ހޭދަކުރި ދުވަސްތަކެވެ.

"ޔޫޓީ 69" ގެ އަންނަ މަހުގެ 3 ގައި ރިލީޒްކުރަން ނިންމައި އިއްޔެ އޭގެ ޓްރެއިލާ ވެސް ވަނީ އާންމުކޮށްފަ އެވެ. އެ ޓްރެއިލާ ޝިލްޕާގެ ސޯޝަލް މިޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ.

މި ފިލްމު ޑައިރެކްޓުކުރީ ކުރިން ބޮލީވުޑްގެ ފިލްމުތަކުގައި އެޑިޓިންގެ މަސައްކަތް ކުރި ޝާހުނަވާޒް އަލީ އެވެ.