ރާއްޖެއަށް ބޭރުން ބޭސް ގެނައުމަށް އެސްޓީއޯއިން އިންޑިއާގެ ކުންފުންޏަކާއެކު އެއްވެސް އެއްބަސްވުމެއްގައި މިވަގުތު ސޮއިކުރަން ނޫޅޭ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން މިފަދައިން ބުނީ ރާއްޖެއަށް ބޭރުން ބޭސް ގެނައުމަށް އިންޑިޔާގެ ޓެމިލްނާޑޫ ކުންފުންޏަކުން ބޭސް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ކަމަށާއި އެކަން ހުއްޓުމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަންގާފައިވާކަމަށް ބުނެ ނޫސްތަކުގައި ޖަހާފައިވާ ހަބަރާއި ގުޅިގެން މީޑިއާއަށް ފޮނުއްވި މެސެޖެއްގައި އެވެ.

އެސްޓީއޯއިން ބުނީ އިންޑިޔާގެ ޓެމިލްނާޑޫ ކުންފުންޏަކުން ބޭސް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކުރަން ނޫޅޭ ކަމަށެވެ. އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން މި ކުންފުންޏަށް އަދި އަންގާފައި ނުވާކަންވެސް އެސްޓީއޯއިން ބުނެ އެވެ.

އިންތިހާބީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖެއިން ބޭރުން ބޭހާއި، ސިއްހީ ސާމާނު ގެނައުމަށް އިންޑިއާގެ ކުންފުޏަކާ އެކު މިސަރުކާރުން އެއްބަސްވުމެއް ހަދަން އުޅޭކަމަށާއި، އެކަމަކީ އިންތިގާލީ މިދަނޑިވަޅުގައި ކުރެވިގެންވާނެކަމެއްނޫންކަމަށެވެ. އަދި އެއީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވެ ވަޑައިގަނަވާކަމެއްކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.

ބޭސް ސަޕްލައިކުރުމަށް ސަރުކާރުން އެއްބަސްވުން ގާއިމްކުރުމަށް މަސައްކަތްކުރަނީ އެސްޓީއޯ އާއި ޓެމިލްނާޑޫގެ ކުންފުންޏަކާ ދެމެދު އެވެ. އެސްޓީއޯއަކީ ރާއްޖެއަށް ބޭސް އެތެރެކުރާ މައި ކުންފުންޏެވެ.

"ސަރުކާރުން އެސްޓީއޯ އާ ޓެމިލްނާޑު ކުންފުންޏަކާއެކު ބޭހާ ބޭހާގުޅޭ ސަޕްލައި ހޯދުމަށް މިދަނޑިވަޅުގައި އެއްބަސްވުމެއްހެދުމަށް ދަނީ ތައްޔާރުވަމުންކަން ވަނީ ފާހަގަކުރެވިފައި. އެއީ މި ދަނޑިވަޅުގައި ކުރުން އެންމެ ރަގަޅުކަމެއްނޫން. އެއީ ރައްޔިތުންގެ އަސާސީ ޚިދުމަތާ ގުޅިފައި އޮތް ވަރަށް މުހިންމު ކަމަކަށްވާތީ އެކަން މި ދަނޑިވަޅުގައި ނުކުރުމަށް އިންތިހާބީ ރައީސް ވަނީ އެޑިވަޑައިގެންފައި،" ފިރުޒުލް ވިދާޅުވި އެވެ.