ބްރެޑް ޕިޓްއަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ހޮލީވުޑް ތަރި އެކެވެ. އުމުރުން 60 އާ ގާތްކޮށްފައި ވީ ނަމަވެސް އޭނާގެ މަޝްހޫރުކަމާއި މަގްބޫލުކަމަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ޕިޓްއާ ބެހޭ ގޮތުން އޭނާއަށް ސަޕޯޓުކުރާ މީހުންނަށް ވެސް ނޭނގޭ ބައެއް ކަންކަމަށެވެ.
އަސްލު ނަމަކީ ބްރެޑް ޕިޓްއެއް ނޫން
ބްރެޑް ޕިޓްގެ އުފަން ނަމަކީ ވިލިއަމް ބްރެޑްލީ ޕިޓް އެވެ. އޭނާގެ ބައްޕަގެ ނަމުން ނަން ދެވުނު ނަމަވެސް ހަޔާތުގެ ކުރީކޮޅު އޭނާއާ މުހާތަބު ކުރެވުނީ "ބިލް ޕިޓް"ގެ ނަމުންނެވެ. ބްރެޑް ޕިޓްއަށް އޭނާގެ ނަން ބަދަލުކުރީ ހޮލީވުޑްގެ ފުރުސަތުތައް އޭނާއަށް ލިބެން ފެށުމުންނެވެ.
ވާން ބޭނުންވީ ނޫސްވެރިއަކަށް
އެކްޓްކުރުމަކީ ޕިޓްގެ ފުރަތަމަ ހުވެފެން ކަމުގައި ބުނެވޭކަށް ނެތެވެ. ހޮލީވުޑްގެ ފުރުސަތުތައް ލިބެން ފެށުމުގެ ކުރިން އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާއިން ކޮލެޖުގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ. އެހެން ނަމަވެސް އެ ދުވަސްވަރު ވެސް ކޮލެޖުގެ ކަލަންޑަރަށް މޮޑެލް ކޮށްދިނެވެ. އިތުރު ފުރުސަތުތައް ލިބެން ފެށުމުން ކޮލެޖް ފުރިހަމަ ނުކޮށް އޭނާ ހޮލީވުޑްއާ ގުޅުނެވެ.
ޗައިނާއަށް ވަނުން މަނާ ކުރެވުނު
1997 ވަނަ އަހަރު ނުކުތް ޕިޓްގެ ފިލްމެއް ކަމަށްވާ "ސެވަން އިޔާސް އިން ޓިބެޓް"ގައި ޗައިނާގެ ސަގާފަތަށް ފުރައްސާރަ ކޮށްފައިވާ ކަމަށާއި ޗައިނާއާ ދެކޮޅު ޕްރޮޕެގެންޑާ ފަތުރާފައިވާ ބުނެ އެ ގައުމަށް އެތެރެވުން އަހަރުތަކަކަށް ޕިޓްއަށް މަނާ ކުރެވިފައި އޮތެވެ.
ބަރަކް އޮބާމާއަކީ އާއިލާ
އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ބަރަކް އޮބާމާއަކީ ޕިޓްގެ ދުރުތާ ތިމާގެ އާއިލާ މެމްބަރެއް ކަމަށް ހަބަރުތައް ބުނެ އެވެ. އެގޮތުން އެޑްވިން ހެކްމަން ނަމަކަށް ކިޔާ މީހެއްގެ ފަރާތުން ޕިޓްއާއި އޮބާމާއަކީ ދެބެންގެ ދެދަރި ދެ މީހުން ކަމަށް 2008 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.
ޕައިލެޓް ލައިސަންސް އޮވޭ
ޕިޓްގެ ކުރީގެ އަންހެނުން އެންޖެލީނާ ޖޮލީގެ ލަފާގެ މަތިން ޕިޓް މަތިންދާ ބޯޓު ދުއްވަން ދަސްކުރީ އޭނާގެ އަމިއްލަ ބޯޓު އޮޕަރޭޓް ކުރުމުގެ ބޭނުމުގަ އެވެ. މިހާރު ޕިޓްއަކީ އެކި ކަހަލަ މަތިންދާ ބޯޓުތައް ދުއްވުމުގެ ލައިސަންސް އޮންނަ ޕައިލެޓެކެވެ. އޭނާ ވަނީ އެކަމަށް 3.3 މިލިއަން އެމެރިކާ ޑޮލަރު ވެސް ހޭދަކޮށްފަ އެވެ.