އިޒްރާއީލު ރައްޔިތުންނާ އެގައުމުގެ އުފެއްދުންތައް ރާއްޖެ އެތެރެ ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ގޮވާލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސަގައި މެމްބަރުން މިހެން ގޮވާލީ ރައްޔިތުންގެ މަޖިލީހަށް ވިލިނގިލީ ދާއިރަގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
ސައުދު ހުށަހެޅުއްވި ގަރަރުގައި ބުނެފައި ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ކުށްވެެރިކޮށް އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ފަލަސްތީނުގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށެވެ. އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށްވެސް ގަރާރުގައި ގޮވާލާފައިވެ އެވެ.
މެމްބަރު ސައުދު ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ރާއްޖެއިން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއިން އިޒްރޭލާ އެކު އެއްވެސް ސިފައެއްގައި ގުޅުމެއް ގާއިމްކޮށްފައިވާ ނަމަ އެގުޅުމެއް ކަނޑާލުމަށް ސައުދު ގޮވާލެއްވި އެވެ.
މިއަދުގެ ޖަލްސާގައި އެގަރާރަށް ބަހުސް ކުރައްވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ގޮވައިލެއްވީ ސަރުކާރުގެ އިސްބޭފުޅުން އިޒްރޭލާ ދެކޮޅަަށް ފިޔަވަޅު އެޅުއްވުމަށެވެ. އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅައިގެން ރާއްޖެއަށް މާ ބޮޑު ގެއްލުމެއް ވާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ މިވަގުތުން ވަގުތައް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އެގޮތުން އިޒްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ކުރުމަށާ އިޒްރާއީލުގެ އުފެއްދުންތައް ރާއްޖެ އަށް އެތެރެ ކުރުން މަނާ ކުރުމަށް ޔާސިރު ގޮވާލެއްވި އެވެ.
މީގެ އިތުރުންވެސް އިޒްރާއީލު ބޮއިކޮޓް ކުރުމަށް ކުރެވެން ހުރީ ކޮން ކަންތައްތަކެއްތޯ ބަލާ އިޒްރާއީލާ ދެކޮޅަށް އިތުރަށް ފިޔަވަޅު އެޅުމަށްވެސް ސަރުކާރަށް ގޮވާލެއްވި އެވެ. އަދި އިޒްރާއީލާއެކު ރާއްޖޭގެ އެއްވެސް އޮފިޝަލަކު އެއްވެސް މަޝްވަރާއެއް ނުކުރުމަށް މަޖިލީހުން ނިންމުމަށްވެސް ޔާސިރު ގޮވާލެއްވި އެވެ.
މިއަދުގެ ޖަލްސާގައި ހުރިހާ މެމްބަރުންވެސް ސަރުކާރަށް ގޮވާލާފައިވަނީ އިޒްރާއީލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމަށާއި އިޒްރާއީލުގެ ފަތުރުވެރިންނަށް ރައްޖެ ނާދެވޭނެ ގޮތަށް އެކަން މަނާ ކުރުމަށެވެ. އެފިޔަވަޅު މިހާރުން މިހާރަށް އެޅުމަށް މެމްބަރުން ގޮވާލި އެވެ.