އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހަބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތު މެނޭޖްކުރުމަށް 28 މިލިއަން ރުފިޔާއަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށް ޓެންޑަ ބޯޑުން ހަވާލުކޮށްފި އެވެ.

އާ ރައީސް އާއި ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މެނޭޖް ކުރުމަށް ސިފްކޯއާ ޓެންޑާ ބޯޑުން ހަވާލުކުރިކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެހެން ނަމަވެސް އެކަން މިހާރު "ހުރިހާ" އަށް ވަނީ ކަށަވަރުވެފަ އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު މެނޭޖްކުރުމަށް ސިފްކޯއަށް ދިނުމަށް ނިންމާފައިވީ ނަމަވެސް އެކަން ޓެންޑަ ބޯޑުން އަދި ރައްޔިތުންގެ މަޖިލީހަކަށް ނާންގަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ ގާނޫނުގައި ބުނާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

މީގެ ކުރިން އާ ރައީސް ހުވާ ކުރައްވަނީ ނޮވެމްބަރު 11 ގަ އެވެ. ނަމަވެސް 2013 ވަނަ އަހަރު އިންތިހާބު އަލުން ބާއްވަން ޖެހުމާއިއެކު، ހުވާކުރުން އެއް ހަފްތާއަށް ފަސް ވެގެން ދިޔަ އެވެ. މިހާރުގެ ރައީސް އިބްރިހިމް މުހައްމަދު ސޯލިހު ވަނީ ގާނޫނީ އިތުރު ހުރަހެއް ނެތްނަމަ އެ ދުވަސް ކުރިން އޮތް ގޮތަށް 11 ވަނަ ދުވަހަށް ބަދަލު ކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ.

ނަމަވެސް އެކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން އިތުރަށް އާންމުކޮށްފައި ނުވެ އެވެ.