އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ރަށު ބަންދަށް މިރޭ ބަދަލުކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ވ. ރަށުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ޖަލުން ގޭ ބަންދަށް ބަދަލުކުރީ މި މަހު 1 ވަނަ ދުވަހު އެވެ. އެއީ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނާކާމިޔާބުވެވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ރަށު ބަންދަށް ދޫކޮށްލީ މީހުންނާ ބައްދަލުކޮށް ޖަލްސާތަކުގައި ވެސް ބައިވެރިވެވަޑައިގެންނެވޭ ގޮތަށެވެ. އަދި ހުޅުމާލެ އާއި ވިލިމާލެ އަށް ވެސް އެމަނިކުފާނަށް ވަޑައިގެންނެވޭނެ އެވެ. ރައީސް ޔާމީންގެ ޚަބަރުތަކަށް ވަރަށް ބޮޑަށް އިސްކަންދޭ ޗެނަލް 13 އިން ބުނި ގޮތުގައި ޔާމީނަށް މި ލުއިތައް ދީފައި ވަނީ ރައީސް ސޯލިހާއި ރައީސް ޔާމީނާ ދެ ބޭފުޅުން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކުރެއްވި މަަޝްވަރާތަކަށް ފަހު އެވެ. އެ މަޝްވަރާތަކުގައި ބަންދަށް ލުޔެެއް ދެއްވަން އެދިވަޑައިގެންނެވީ ސީދާ ޔާމީން ކަމަށް ވެސް އެ ޗެނަލުން ރިޕޯޓް ކޮށްފައިވެ އެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރައްވައި އަދި އެމަނިކުފާން މިނިވަންކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވި ފަހުން ޑރ. މުއިއްޒާ ދެބޭފުޅުން ބައްދަލު ކުރެއްވި ކަމަށް އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައެއް ނުވެ އެވެ.

ޓޫރިޒަމަށް އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދެ ދައުވާ ވެސް ސާބިތުވެ، މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާގައި މިހާރު ކުރިއަށް ދަނީ އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ ދެ ހުކުމުގެ ތެރެއިން މަނީ ލޯންޑަރިންގެ މައްސަލަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމުމަކާ ކައިރިވެފަ އެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ޔާމީނަށް ވާދަނުކުރެއްވުނީ ޖަލު ހުކުމުގެ ސަބަބުންނެވެ. ރައީސް ޔާމީންގެ ބަދަލުގައި އެންމެ ފަހު ވަގުތު ޕީޕީއެމް/ޕީއެންސީގެ ފަރާތުން، ރައީސް ޔާމީންގެ ފޮޓޯފުޅު ބޮޑުކޮށް ޖަހައިގެން ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނީ ޑރ. މުއިއްޒެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރުމާ އެކު ދެބޭފުޅުންގެ ގުޅުން ރަނގަޅު ނޫން ކަމަށް ޚަބަރުތައް ބުނެ އެވެ.