އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް 22 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލުކޮށްފި އެވެ.

މުއިއްޒާއި ހުސެއިން ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.

މަޖިލިހުގެ އިދާރާ އިން މިއަދު ބުނީ ހުވާކުރުމުގެ ރަސްމިއްޔާތު އިންތިޒާމު ކުރުމާ ގުޅޭ ކަންކަން ސިވެކްއާ ހަވާލު ކުރީ ޓެންޑަ ބޯޑްގެ ދަށުން ކަމަށެވެ. އެކަމަށް 22.9 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އިދާރާ އިން ބުންޏެވެ.

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ ގަލޮޅު ދަނޑުގައެވެ. ގިނަ ބަޔަކު ބައިވެރިވި ޖަލްސާ ބޭއްވީ ނޮވެމްބަރު 18، 2018 ގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ރައްޔިތުންގެ މަޖިލިހުން ބާއްވަން އޮންނަ އިރު، އެ މަޖިލިހުން ފުރަތަމަ ނިންމާފައި އޮތީ މަޖިލިހުގެ އިދާރާގައި ރަސްމިއްޔާތު ބޭއްވުމަށެވެ.

އެކަމަކު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައި، ޖުމްހޫރީ މައިދާނުގައި ބާއްވަން ބޭނުންވާ ކަން މުއިއްޒު، ނަޝީދަށް އެންގެވުމާ ގުޅިގެން ހުވާ ކުރުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވަން ނިންމީ އެވެ. މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުގައި އެ ރަސްމިއްޔާތު ބާއްވާނީ އާންމު ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.