ބޭއަދަބީ ފިލްމުތައް އުފައްދައި ވިއްކުމުގެ މައްސަލައެއްގައި ވިޔަފާރިވެރިޔާ ރާޖް ކުންދްރާ ޖަލުގައި ހޭދަކުރި ދުވަސްވަރު އަންހެނުން އެކްޓްރެސް ޝިލްޕާ ޝެޓީ އޭނާއަށް ލިޔުނު ސިޓީތަކާއި ނޯޓުތައް ރާޖް ދައްކާލައިފި އެވެ.

އިންސްޓަގްރާމްގައި ރާޖް ހިއްސާކުރި ޕޯސްޓެއްގައި އޭނާ ވަނީ ޖަލުގައި ހޭދަކުރި ދުވަސްވަރު ޝިލްޕާގެ ފަރާތުން އޭނާއަށް ލިބުނު ބައެއް ސިޓީތަކުގެ ފޮޓޯ އާއްމު ކޮށްފަ އެވެ.

އެ ޕޯސްޓުގައި ޖަލުގައި އުޅުނުއިރު ލިބުނު ސިޓީތައް އަލުން ކިޔާލަނީ ކަމަށް ބުނެފައިވާއިރު އަންހެނުން ޝިލްޕާއާއި ދަރިފުޅު ވިއާންގެ ފޮޓޯއެއް ވެސް ފެނެ އެވެ.

ރާޖް ކުންދްރާއަށް ލިބުނު ސިޓީތައް

ރާޖް ކުންދްރާ އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމު ޔޫޓީ69 ރިލީޒް ކުރަން ތައްޔާރު ވަމުން އަންނައިރު އެ ފިލްމުގައި އޭނާގެ މައްޗަށް އުފުލުނު ދައުވާއާ ބެހޭ ވާހަކަތައް ހިމެނޭނެ އެވެ.

ރާޖް ބުނީ ބައޮގްރަފީ ފިލްމެއް އުފައްދަން ޝިލްޕާ އެންމެ ފުރަތަމަ ނުގަބޫލުވި ކަމަށާއި އެހެން ނަމަވެސް ފިލްމުގެ ޑައިރެކްޓަރު ޝާހްނަވާޒް ފިލްމުގެ ސްކްރިޕްޓް ކިޔައިދިނުމުން އެއްބަސްވި ކަމަށެވެ.

ޔޫޓީ69 ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ސްކްރީންތަކަށް އަންނަން ހަމަޖެހިފައިވާއިރު އެ ފިލްމުގެ ޓްރެއިލާ ވަނީ މިހާރު އާއްމުކޮށްފަ އެވެ.