އިންތިގާލީ މަރުހަލާގައި ދައުލަތުގެ ހަރު މުދަލާއި ފައިސާއާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ގާނޫނީ އިންތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށާއި އިންތިގާލީ މަރުހަލާގެ ރޫހަށް އިހްތިރާމް ކުރަން އިންތިހާބީ ރައީސްގެ އޮފީހުން އިލްތިމާސްކޮށްފި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާއަކީ އާ ސިޔާސަތުތަކަކަށް ރައްޔިތުން އާ ބަސް ބުނެ، އާ ސަރުކާރަކަށް ދައުލަތުގެ ކަންކަން ހަވާލުކުރުމަށް ނިންމި ނިންމުމާ ގުޅިފައިވާ މަރުހަލާ ކަމަށެވެ. އަދި މި މަރުހަލާގެ ރޫޙަކަށްވާން ވާނީ ރައްޔިތުން އިންތިހާބުކޮށްފައިވާ އާ ސަރުކާރުގެ މަސައްކަތްތަކަށް މަގުފަހިވާނެހެން ވެރިކަމުގެ ބާރުތައް ބަދަލުވެގެންދިޔުން ކަމަށް ބަޔާނުގައިވެ އެވެ.
އާ ސަރުކާރުން ރައްޔިތުންނަށްޓަކައި ތަންފީޒުކުރުމަށް ރާވާފައިވާ ސިޔާސަތުތަކަށް ފުރުސަތު ލިބޭނެހެން ދައުލަތުގެ ހަރުމުދަލާއި ފައިސާއާއި މާލީ މުޢާމަލާތްތައް، ގާނޫނީ ހަމަތަކުގެ މަތީން ރައްކާތެރިކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.
"ކަން މިހެން އޮތް ހިނދު، ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން، ވިޔަފާރީގެ މުޅިން އާ މުޢާމަލާތްތައް މި މަރުހަލާގައި ފެށުމާއި، މި ފަދަ މުއާމަލާތްތަކާއި އެއްބަސްވުންތައް އަވަސް އަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމަކީ، އެ ކަންކަމުގައި ކޮރަޕްޝަން އެކުލެވިގެންވާކަމަށް ބެލުމުގެ ޖާގަ އޮންނާނެ ކަންތައްތަކެކެވެ. އަދި، އެ ފަދަ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ގޮތް ބެލުމަށްފަހު، ގާނޫނާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަމާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތުވެސް އޮންނާނެ އެވެ." އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
އެހެންކަމުން މި ބަޔާނުގައި ވަނީ މި މަރުހަލާގައި ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގަވާ ވިޔަފާރިވެރިންނާއި އެންމެހާ ރައްޔިތުން، ގާނޫނީ އިންތަކުގެ ތެރެއިން އެ ފަދަ މުއާމަލާތްތަކާ ގުޅޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިފަ އެވެ.
އަދި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އެ ފަރާތްތަކަށް ބާރުއަޅުއްވައިދެއްވުމަށް ވެސް އެދިފައިވެ އެވެ.