ޕީޕީއެމް، ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ނިންމަވައިފި އެވެ.

މިކަން ހާމަކުރެއްވީ އާޒިމާ މިއަދު ނެރުއްވި ބަޔާނެއްގަ އެވެ. އެ ބަޔާނުގައި އޭނާ ވިދާޅުވީ ހަގީގީ މާނައިގައި މާލެ ސަރަހައްދުގެ ތަރައްގީއަށް އިސްނަގަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

އާޒިމާ ވިދާޅުވީ ހިންގުމުގެ އޮނިގަނޑު ވަރުގަދަ ކުރުމުގެ ބޭނުން ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ކައުންސިލާއި ސަރުކާރާ ދެމެދު އޮތް ޖެއްސުންކުރުމުގެ ސަބަބުން މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްގީއާއި ހިދުމަތްތައް މުޅިންހެން ހުއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެހުންނަވައި އެކުލަވާލައްވާފައިވާ މާލޭގެ ތަރައްގީގެ ޕްލޭން ހަގީގަތަކަށް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުރިން ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ އާޒިމާ މިހާރު ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގަ އެވެ. އާޒިމާގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވަނީ މާލޭގެ މޭޔަރު ކަމަށް ޕީޕީއެމް، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ.

ޕީޕީއެމް، ޕީއެންސީގެ ޓިކެޓްގައި މޭޔަރު ކަމަށް ވާދަކުރައްވާނެ ބޭފުޅަކު ކަނޑައަޅާނީ ޕްރައިމަރީއަކުންނެވެ.