އިންތިހާބީ ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރައްވާ ޖަލްސާގެ ރިޔާސަތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ ނަމަ، އެމްޑީޕީން އިހްތިޖާޖް ކުރާނެ ކަމަށް މަޖިލިހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

އަލީ ނިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދުގެ ސުޕްރީމް ކޯޓުގެ ހުކުމާއެކު އިންތިހާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަވަނީ މަޖިލިސް މެމްބަރުންގެ އިތުބާރުނެތް ރިޔާސަތެއް ކަމުގައިވާނަމަ އެކަމަށް އެމްޑީޕީން އިހްތިޖާޖް ކުރާނެ ކަމަށެވެ.

އިހްތިޖާޖް ކުރާނެ ގޮތުގެ ތަފްސީލް ނިންމާނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކަމަށް ވެސް އަލީ ނިޔާޒް ވިދާޅުވި އެވެ.

"މިއަދުގެ ސުޕްރީމް ކޯޓުގެ ހުކުމާއެކު އިންތިހާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިސް މެމްބަރުންގެ އިތުބާރު ނެތް ރިޔާސަތެއް ކަމުގައިވާ ނަމަ، އެކަމަށް އެމްޑީޕީން އިހްތިޖާޖް ކުރާނެ. އިހްތިޖާޖް ކުރާނެ ގޮތުގެ ތަފްސީލް ނިންމާނީ އެމްޑީޕީ ޕީޖީން،" އަލީ ނިޔާޒް ވިދާޅުވި އެވެ.

އިންތިހާބީ ރައީސްގެ ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ރާވަމުންދިޔަ ކަންކަން ފެއިލްވެއްޖެ ކަމަށާއި ހުވާކުރުމުގެ ރަސްމިއްޔާތު ދާނީ ރީތިކޮށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ނެތަސް، މަޖިލީހުގެ ރައީސް ވަކިކުރުމާ ގުޅޭ ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލިހުގެ އިދާރާ އިން މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.

އާދިއްތަ ދުވަހުގެ އެޖެންޑާ މަޖިލިހުގެ އިދާރާ އިން ނެރުނު އިރު، އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ ވެސް ނަޝީދާ ދެކޮޅަށް ހުށަހެޅި ގަރާރުގެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ. ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީ މަޖިލިހަށް މައްސަލަ ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުގަ އެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ނަމަ ރިޔާސަތު ބަލަހައްޓާނެ މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ އެ ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.

ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހުގައި ކުރިއަށް ނުދިޔުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫން ކަމަށެވެ.

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 17 ވާ ހުކުރު ދުވަހުގެ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގަ އެވެ.