ގާތްގަނޑަކަށް 1.96 ބިލިއަން ޑޮލަރުގެ އަގުހުރި 'އެޑްވާންސްޑް ޕްރެސިޝަން ކިލް ވެޕަން ސިސްޓަމްސް' (އޭޕީކޭޑަބްލިޔުއެސް) ސައޫދީ އަރަބިއްޔާއަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ދީފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން މައުލޫމާތު ދޭ ގޮތުގައި، ސައޫދީން އެދިފައިވަނީ ވައިގެ މަގުން ވައިގެ އަމާޒުފަތްތަކަށް ހަމަލާދޭ 10،000 'ގައިޑަންސް ސެކްޝަން' އާއި، ވައިގެ މަގުން ބިމުގެ އަމާޒުފަތްތަކަށް ހަމަލާދޭ 10،000 'ގައިޑަންސް ސެކްޝަން' ގަތުމަށެވެ.

"މި ވިޔަފާރީގެ ސަބަބުން ގަލްފު ސަރަހައްދުގެ ސިޔާސީ ހަމަޖެހުމާއި އިގްތިސާދީ ކުރިއެރުމަށް މަސައްކަތްކުރާ، ނޭޓޯގައި ނުހިމެނޭ އެމެރިކާގެ މުހިންމު ބައިވެރިއެއްގެ ސަލާމަތީ ކަންކަން ވަރުގަދަވެގެންދާނެ. މިއީ އެމެރިކާގެ ބޭރުގެ ސިޔާސަތަށާއި ގައުމީ ސަލާމަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް،" ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، މި ހަތިޔާރުތަކުގެ ސަބަބުން ސައޫދީ އަރަބިއްޔާގެ ދިފާއީ ބާރު ވަރުގަދަވެ، މިހާރު ކުރިމަތިވަމުންދާ އަދި ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމުގެ ގާބިލުކަން އިތުރުވާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ފާހަގަކުރެ އެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއާއި، ސަރަހައްދީ އެހެން ބާރުތަކާއި، ނޭޓޯގެ ފައުޖުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެ، ސައޫދީގެ އަސްކަރީ މަތިންދާބޯޓުތަކުގެ އޮޕަރޭޝަނަލް ގާބިލުކަމާއި އަމިއްލަ ދިފާއީ ބާރު އިތުރަށް ހަރުދަނާވެގެންދާނެ އެވެ.

މި މަޝްރޫއުގެ މައިގަނޑު ކޮންޓްރެކްޓަރަކީ 'ބީއޭއީ ސިސްޓަމްސް' އެވެ. އަދި މި ޕްރޮގްރާމްގެ ފަންނީ ކަންކަމާއި، ތަމްރީނާއި، މަރާމާތުގެ މަސައްކަތްތަކަށް އެހީތެރިވުމަށް އެމެރިކާ ސަރުކާރާއި ކޮންޓްރެކްޓަރުންގެ 30 މަންދޫބުން ދިގު މުއްދަތަކަށް ސައޫދީ އަރަބިއްޔާއަށް ފޮނުވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.