ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް މާދަމާވެސް މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ނިންމައިފި އެވެ.
އެގޮތުން މާދަމާ ވަނީ ދެ ޖަލްސާއެއް ބޭއްވުމަށް ނިންމާފަ އެވެ. އެގޮތުން މާދަމާ ހެނދުނު 9 ޖަހާއިރު ބާއްވާ ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމާއި ސަޕްލިމަންޓަރީ ބަޖެޓް ހުށަހެޅުމެވެ. އަދި މާދަމާ ހެނދުނު 11 ޖަހާއިރު ބާއްވާ ޖަލްސާ އަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް އެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު މަޖިލިސް ގަވައިދާ ހިލާފު ކަމަށް ބުނެ ވަނީ މަޖިލީހުން ބޭރުކޮށް ޖަލްސާ ކުރިއަށް ނުގެންގޮސް ވަނީ ނިންމާލާފަ އެވެ. އަދި އޭގެފަހުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތަށް ވަޑައިގެން މިއަދު ފަހުން ބޭއްވި ޖަލްސާގައި ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ބޭރުވެފައިވާ ކަމަށާއި ދެން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އިއުލާންކޮށްފަ އެވެ.
އެހެން ނަމަވެސް މަޖިލީހުގެ އަމީންއާންމު ގަބޫލު ކުރައްވަނީ އީވާ އާއި އަފީފުގެ ނިންމެވުން ގޯސް ކަމަށެވެ.
އަދި މި ގަރާރު ބޭރުކޮށްލާފައިވާތީ އީވާ އާއި އަފީފް މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް އިމްތިޔާޒް ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ.
މި މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު މި މައްސަލައިގައި ބަންޑާރަ ނައިބުގެ ލަފައެއް ހޯދަން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފަ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވެއްދީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. މި މައްސަލަ މަޖިލީހަށް ވެއްދީ 49 މެމްބަރުންގެ ސޮޔާއެކު އެވެ.