ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފް ޝަރީއަތްތައް ނިންމާ ފަހުބަސް ބުނުމާ ހަމަޔަށް އައިސްފި އެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ.
އެމައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ޝަރީއަތް ނުފަށާ ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ.
މިމައްސަލައިގެ އަޑުއެހުމެއް މިމަހުގެ 9 ވަނަ ދުވަހު ވަނީ ބާއްވާފަ އެވެ. އެދުވަހުގެ އަޑުއެހުމުގައި އޮތީ ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔަގޮތް ސާފު ކުރުމެވެ. 4 ގަޑިއިރަށް ކުރިއަށް ދިޔަ އެދުވަހުގެ ޝަރީއަތުގައި ދައުލަތުންވެސް އަދި ޔާމީންގެ ފަރާތުންވެސް ގިނަ ކަންކަން ފާހަގަ ކުރިއެވެ.
މިއަދުގެ އަޑުއެހުމުގައި ދެފަރަތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވެފައި ވަނީ ދެން އޮންނާނީ ޝަރީއަތް ނިންމާލުމުގެ ކުރިން ކޮންމެ ފަރާތަކަށްވެސް ފަހުބަސް ބުނުމަށް ބައްވާ ޝަރީއަތް ކަމަށެވެ.
އެއަށްފަހު ދެން އޮންނާނީ މިމައްސަލާގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތެވެ.
ދެން އޮންނަ އަޑުއެހުމެއްގައި ކޮންމެ ހަސްމަކަށްވެސް 1 ގަޑިއިރުގެ ވަގުތު ދޭނެކަމަށް ގާޒީ ވިދާޅުވި އެވެ.
އާރަށުގެ މައްސަލާގައި އިއްވާފައިވާ ހުކުމާއެކު ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ދާދިފަހުން ގެކޮޅަށް ބަދަލުކުރައްވާފަ އެވެ.މިހާރު އެމަނިކުފަނު ހުންނެވީ ރަށު ބަންދުގަ އެވެ.
ވ.އާރަށް މައްސަލާގައި ދެން ހިމެނެނީ ކުރީގެ މެންބަރު ޔޫސުފް ނައީމް އެވެ. އޭނާގެ މައްޗަށް ރިޝްވަތު ދިން ކަމުގެ ދައުވާ ސާބިތުގެ ކުރިމިނަލް ކޯޓުން ވަނީ 3 އަހަރުގެ ހުކުމެއް އިއްވާފަ އެވެ.