އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މާލޭގެ ބޮޑު ސަރަހައްދެއް ބަންދު ކުރުމަށް ހަމަޖެހިއްޖެ އެވެ.

ފުލުހުން ބުނީ އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު އެއްކޮށް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ފުލުހުން ވަނީ ރަސްމިއްޔާތާ ގުޅިގެން ބަންދުވާނެ ސަރަހައްދުގެ ފްލޯ ޗާޓެއް އާންމުކޮށްފަ އެވެ.

ރަސްމިއްޔާތާ ގުޅިގެން ބޮޑުތަކުރުފާނު މަގުން ބަންދު ކުރާނީ ލޯކަލް މާރުކޭޓުން ފެށިގެން ދެކުނަށް މާގިރި ހޮޓަލާ ހަމައަށެވެ. މީގެއިތުރުން ރައްޔިތުގެ މަޖިލިސް ހިމެނޭ ސަރަހައްދާއި، ރައީސް އޮފީހާއި، މުލިއާގެ ހިމެނޭ ސަރައްދުގެ ބައެއް މަގުތައްވެސް ބަންދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށް ބަންދުކުރާ ސަރަހައްދު އަންގައިދޭ ޗާޓެއް

މި ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކް ކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅިގެން އެއް ނަމްބަރު ފާލަން ހިމެނޭ ކަނޑުގެ ސަރަހައްދުންވެސް ބޮޑު ބައެއް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެއް ނަމްބަރު ފާލަމުން ފެށިގެން ހަތް ނަމްބަރު ފާލަމަށް ބަންދު ކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ހާމަކުރެ އެވެ. މި ސަރަހައްދަށް ވަދެ ނުކުމެ ހެދުން ބަނދު ކުރާނީ މިރޭ 00:00 އިން ފެށިގެން 18 ވަނަ ދުވަހުގެ 15:00 އާއި ހަމައަށެވެ.

ހުވާ ކުރުމަށް މި ސަރަހައްދު ބަންދު ކުރުމުން މާލޭގެ އެތެރޭގެ ޓްރެފިކް ބާރު ބޮޑުވެގެންދާނެކަމަށާއި، އެކަމުގައި ދިމާވާނެ އެންމެހާ ދަތިކަންކަމަށް ކެތްތެރިވުމަށް ފުލުހުން އިލްތިމާސް ކުރައްވަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހއްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ ރައީސުންނާއި، މަންދޫބުން އަދި ސަފީރުން ވަޑައިގަންނަވާތީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. މި ސަރަހައްދަށް މާދަމާ މެންދުރު 13:30 ގެ ފަހުން ވަދެވޭނީ ދައުވަތު އެރުވާފައި ފަރާތްތަކަށް އެކަންޏެވެ.