މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާފަންނު ގަޑިބުރު ޒާމާނީ ފެންވަރަށް ތަރައްގީކޮށް އަލުން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް ފަށާތާ ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

"އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަވާ ޖާގައިގެ ތިން ގުނަ ބޮޑު ޖާގައަށް ވީމަ ވަރަށް ބޮޑު. 1200 ހެކްޓަރުގެ ޖާގަ ގާތްގަނޑަކަށް ހުންނާނެ. އެހެންވީމަ އެވަރު ބޮޑު ފަޅެއް މި ހިއްކަނީ ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަން ހައްލުކޮށްދިނުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމީ މައްސަލަތައް ނަގާފައި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ތަކުރާރުކޮށް ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވިދާޅުވެފައިވާނެ ކަމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ބަލާއިރު، އެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ މާލެ ސަރަހައްދުގައި ކަން ރައީސް ފާހަގަކުރެއްވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން ފަށާފައިވާ ގުޅިފަޅާއި ގިރާވަރުފަޅުގެ މަޝްރޫއު އިތުރަށް ފުޅާކޮށް ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ އެ ސަރަހައްދުގައި މީހުން އާބާދުކުރުމާ ގުޅިފައިވާ މުހިންމު މަޝްރޫއަކަށްވާއިރު، އެ މަޝްރޫއުގެ މަސައްކަތް ލަސްވާ ސަބަބު ބަލައި އަވަސްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ނަތީޖާއަކަށްވާނީ އެމަނިކުފާނު ވައުދުވެވަޑައިގަތްގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.