ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުންގެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ އަލީ ރަޝީދާއި މަންނާނު ޔޫސުފް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ ސަރުކާރުން އެގޮތަށް އެންގުމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސީޕީގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވުމާއި ގުޅިގެން މަންނާން ވަނީ އެކްޓިން ކޮމިޝަނަރުގެ މަގާމަށް ހަމަޖައްސަވާފަ އެވެ.

މަންނާނަށް ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރީ ކުރީގެ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން ނޮވެމްބަރު 19، 2018 ގަ އެވެ. އޭނާ ވަނީ 29 އަހަރު ފުލުހުންގެ އިދާރާ އަށް ހިދުމަތް ކުރައްވައިފަ އެވެ.

މިދިޔަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަދި ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ނުކުރައްވަ އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެ ނަމަ އެ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ވާނެ ކަމަށެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ގާނޫނޫގައި ވާ ގޮތުން ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް، ވަޒީރަށް ހުށަހަޅާ ނަންނަތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެއް ކަމަށް ގާނޫނުގައި ބަޔާންކުރެ އެވެ.

މަންނާނާއި އަލީ ރަޝީދު އިސްތިއުފާ ދީފައިވާއިރު ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރަން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.

ޓޫފޯ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމައި 10 އޮކްޓޯބަރ 2022 ގައި އޭނާ ވަނީ ވަޒީފާއިންވެސް ވަކިކޮށްފަ އެވެ.

މި ނިންމުމާ ގުޅިގެން 2022 ވަނަ އަހަރުގެ ފަހު ކޮޅު އޭނާގެ ފަރާތުން މި މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ބަލައި އެ ކޯޓުން މައްސަލަ ނިންމާފައި ވަނީ، ޕޮލިސް ބޯޑުން އެމީހުން މަގާމުން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.