ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އިއްވި ދެ ދައުވާ ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި އެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަ ބެލިއިރު، ދިފާއީ ހެކިތަކަށް ރިއާޔަތް ނުކުރަން ނިންމި ނިންމުމަކީ ގާނޫނީގޮތުން އެއްވެސް އަސާސެއް ނެތް ނިންމުމެއް ކަމަށެވެ.
މީގެއިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް ވެސް ޖަމީލް ފާހަގަކުރެއްވި އެވެ.
މިއަދު ވަނީ އެ މައްސަލައިގައި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުންތައް ވެސް ނިންމާލާފަ އެވެ.
ޔާމީނަށް ދައުވާ ކުރީ 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ޔޫސުފް ނައީމް ހުށަހެޅުއްވުމުން އެ ފައިސާ ނަންގަވައި ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ ޔާމީންގެ މައްޗަށް ދައުވާ ސާބިތުކުރެވޭ ވަރުގެ ހެކި އެބަހުރި ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވާހަކަތައް ބިނާކޮށްފައިވާނީ ހެކި ގަރީނާގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެވެ.
ޔާމީން މިހާރު ހުރީ ރަށު ބަންދަށް ބަދަލުކޮށްފަ އެވެ. އަދި އަދީބާއި ޒިޔަތަށް މައާފްދީ މިހާރު ވަނީ މިނިވަންކޮށްފަ އެވެ.