ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓިއަރިން ކޮމިޓީގެ އިދާރީ ހިންގުމާ ހަވާލުވެވަޑައިގެންނެވި އެންމެ އިސް ބޭފުޅާ ކަމުގައިވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ޕާޓީ ބާރަށް ހިނގައިގަތުމަށް 13 މެމްބަރުންގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. މި ހުރިހާ ބޭފުޅުން ވެސް ކަނޑައެޅުއްވީ ރައީސް ޔާމީނެވެ.

އަސާސީ ގަވައިދުގައި ޕާޓީގެ ރައީސަށް ލިބިދޭ ބާރުގެ ދަށުން އުފެއްދި މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ ޕާޓީ އަށް މެންބަރުން އިތުރު ކުރުމާއި ޕާޓީ ހަރުދަނާ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޕާޓީގެ ކަންކަމާ ގުޅޭ ގޮތުން ދެން ގުޅަން ޖެހޭނީ ކޮމިޓީގެ ފޯކަލް ޕޮއިންޓްތަކަށް ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

"ޕާޓީއާ ގުޅޭ އެއްވެސް ކަމެއްގައި، އެއްވެސް ކަންބޮޑުވުމެއްގައި ސީދާ އެ ނަންބަރުތަކާ ގުޅުއްވާ. އަޅުގަނޑުމެން އާންމު މެމްބަރުންގެ ކޯލްތައް ނަންގަވާނެ އެ ބޭފުޅުން. އެބޭފުޅަކަށް ނުގުޅޭ ކަމަށްވާ ނަމަ، އަނެއް ބޭފުޅުކަށް ގުޅުމަކީ އަޅުގަނޑުމެން އެދޭ އެދުމެއް. އެހެންވީމަ އެގޮތަށް އަމަލު ކުރުމަށް އެދެން." މަލީހް ވިދާޅުވި އެވެ.

މަލީހް ވިދާޅުވި ގޮތުގައި ޕީޕީއެމުން މި ފަށައިގަތީ އެ ޕާޓީގެ މުޅިން އާ ޒަމާނެކެވެ. ރައީސް ޔާމީން ނުހައްގުން 1،000 އަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންނެވި އިރު، އެމަނިކުފާނަކީ ފަހުގެ ތާރީހެއްގައި އޮތް ހަމައެކަނި އުންމީދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވޯޓު ދެއްވީ އެމަނިކުފާނު (ޔާމީން) ގެ ދިފާއުގައި އެމަނިކުފާނުގެ މިނިވަންކަމަށް އެދި. އެމަނިކުފާނަކީ ދިވެހިން މި ބޭނުންވާ ދިވެހިރާއްޖެ އަމާން އައްސޭރިއަކަށް ގެންދިއުމަށް އޮތް ހަމައެކަނި އުންމީދު ކަމުގައި ދެކިގެން. އެމަނިކުފާނަކީ ގައުމަށް ދިމާވެފައިވާ މުހިންމު މައްސަލަތަކުގައި ވަކާލާތު ކުރުމުގައި ގިނިކަންޏާ އެމަނިކުފާނަށް ކުރައްވާ އަނިޔާއަކަށް ބެލުމެއް ނެތި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ އާއި ޕީޕީއެމްގެ އާންމު މެމްބަރުންނާއި އެ ދެމުންދާ އަނިޔާއަށް ބެއްލެވުމެއް ނެތި ގައުމުގެ ދިފާއުގައި އައްޑަނައެއްގެ ގޮތުގައި ހަރަކާތްތެރިވި ބޭފުޅެއް،" މަލީހް ވިދާޅުވި އެވެ.

މަލީހް ވިދާޅުވީ ޕީޕީއެމްއަކީ ރައީސް ޔާމީން ކަމަށާއި އެ ޕާޓީގެ ހަރަކާތްތަކެއް ކުރިއަށް ދާނީ ޔާމީންގެ ލަފާ އާއި އިރުޝާދުގެ މަތިން ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ބައިބައިވުން އޮތް ކަން ދައްކަން ބަޔަކު މަސައްކަތް ކުރާ ކަމަށާއި އިލްތިމާސަކީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އެކަން ގަބޫލުނުކޮށް އެއް އާއިލާއެއްގެ ގޮތުގައި ދެމިތިބުން ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕީޕީއެމްގެ މި މަސައްކަތް މި ފަށައިގަންނަނީ. އިރާދަކުރެއްވިއްޔާ ޕީޕީއެމްގެ މެމްބަޝިޕް ޑްރައިވް އަންނާނެ. ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ ހަރަކާތްތައް އިތުރަށް ފުޅާވެގެން ދާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ. އެކަމަށްޓަކައި އިދާރީ ސެޓަޕް މުޅިން އާ ހިސާބަކަށް ގެންދާނަން. ބޭނުންވާ މުވައްޒަފުން ހޯދަމުން މިދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރުބައްޔެއް ނުވާނެ." މަލީހް ވިދާޅުވި އެވެ.