ރިޓަޔާ ކުރެއްވި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މަންނާނު ޔޫސުފް އަލުން އެމަގާމު ދެއްވައިފި އެވެ.

\މިދިޔަ ސަރުކާރުގައި ކޮމިޝަނަރަކަށް ހުންނެވި ހަމީދު ނޮވެމްބަރު 15, ގައި އެ މަގާމުން ރިޓަޔާ ކުރެއްވުމާއެކު މަންނާނު އެކްޓިން ކޮމިޝަނަރަކަށް ހަމަޖެއްސީ ނޮވެމްބަރު 16, ގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު ހުވާ ކުރެއްވުމަށްފަހު މަންނާނަށް އެމަގާމުން ރިޓަޔާ ކުރެއްވުމަށް އެންގެވި އެވެ. އެއާއެކު ނޮވެމްބަރު 19 ގައި ރިޓަޔާ ކުރެއްވުމަށް މަންނާނު ހުށަހެޅުއްވި އެވެ. އެހެން ނަމަވެސް, އާ ކޮމިޝަނަރެއް އައްޔަނު ކުރުމާ ހަމައަށް އެ މަގާމުގައި ދެމިހުންނެވުމަށް ސަރުކާރުން އެދިވަޑައިގަތުމާ ގުޅިގެން މަންނާނު ވަނީ އަލުން އަނބުރާ މިއަދުން ފެށިގެން އެ މަގާމާ ހަވާލުވެވަޑައިގަނެފަ އެވެ.

މަންނާނު ރިޓަޔާކުރެއްވުމަށް ނިންމެވުމުން އެކްޓިން ކޮމިޝަނަރަކަށް އެސިސްޓް ކޮމިޝަނަރު ފަރުހާދު ފިކުރީ ހަމަޖެއްސި އެވެ.

އިންޑިއަން ނޭޝަނަލް ޕޮލިސް އެކަޑަމީއިން ތައުލީމް ހާސިލް ކުރެއްވުމަށް ފަހު މަންނާނު ވަނީ އިނގިރޭސި ވިލާތުން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. މަންނާން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ މީގެ 29 އަހަރު ކުރިންނެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެ ނަމަ އެ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ވާނެ ކަމަށެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ގާނޫނޫގައި ވާ ގޮތުން ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް، ވަޒީރަށް ހުށަހަޅާ ނަންނަތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެއް ކަމަށް ގާނޫނުގައި ބަޔާންކުރެ އެވެ.