ޕޮލިސް ބޯޑުގެ ޗެއާޕާސަނަކަށް އަޙްމަދު ޝަރީފް، އަދި ނައިބަކަށް އާއިޝަތު ނޫރާ މުހައްމަދު ހަމަޖައްސަވައިފި އެވެ.

ޕޮލިސް ބޯޑުގެ ބައެއް މެންބަރުން ވަކިކުރައްވައި، ޕޮލިސް ބޯޑަށް ބައެއް މެންބަރުން ރައީސް މުހައްމަދު މުއިއްޒު މި މަހުގެ 23 ވަނަ ދުވަހު ވަނީ އައްޔަން ކުރައްވައިފަ އެވެ.

އާ ބޯޑުގެ ފުރަތަމަ ބައްދަލްވުމުގައި މެންބަރުންގެ އިއްތިފާގުން ވަނީ ބޯޑުގެ ޗެއާޕާސަން ކަމަށް ޝަރީފް ހަމަޖައްސައިފަ އެވެ. ވައިސް ޗެއާޕާސަން އަކީ އައިޝަތު ނޫރާ މުހައްމަދެވެ.

ޝަރީފާއި ނޫރާއަކީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ޕޮލިސް ބޯޑަށް އައްޔަންކުރެއްވި ދެ ބޭފުޅުންނެވެ.

ޕޮލިސް ބޯޑަކީ ހަތް މެންބަރުގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އޭގެ ތެރޭގައި ރައީސް އައްޔަނުކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންގެ އިތުރުން އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ދެ މެންބަރުން ހިމެނެ އެވެ.

ޕޮލިސް ބޯޑު މިހާރު ހަމަޖެހިފައިވާ ގޮތް

  1. އަޙްމަދު ޝަރީފް / ގުލްފާމްގެ، ތ. ހިރިލަންދޫ - ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ މެންބަރު
  2. އައިޝަތު ނޫރާ މުޙައްމަދު / ހ. ނޫމުތީ - ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު
  3. އަލީ ނަސީރު ގާސިމް / ދަފްތަރު. ނަމްބަރު ރސ 535- ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  4. އަހުމަދު އަޒީމް / ބަގީޗާގެ، ށ. މަރަދޫފޭދޫ - ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  5. އަހުމަދު ސައުދީ / އަލިމަސްގެ، ހއ. ހޯރަފުށި - ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  6. ޙާމިދު އަބްދުލްޣަފޫރު / ހ.ޝޭޑީކޯނަރ - އާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު
  7. ސަފާ ޝަރީފް / ދެތަނޑިމާގެ / ސ. ހުޅުދޫ - ޢާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު

ޕޮލިސް ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ބަޔާންވެފައިވާ އުސޫލުތަކާ އެއްގޮތަށް ފުލުހުންގެ ހިދުމަތް ދެމުންދޭތޯ ބެލުމާއި، ފުލުހުން އަމަލުކުރަމުންދާ އުސޫލަކަށް ގެންނަންޖެހޭ ބަދަލަކާމެދު ފެންނަ ގޮތުގެ ލަފާ ދިނުން ހިމެނެ އެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުން އޭރަކަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވެމުންދާ މިންވަރު ބަލައި، ދިވެހި ފުލުހުންގެ ހިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ބޯޑަށް ފެންނަ ލަފާދިނުން ވެސް ހިމެނެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުގެ ބޯޑުގެ މެންބަރުންނަކީ ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މީހަކުކަމުގައި ވެގެން ނުވާނެ އެވެ. އަދި ޕޮލިސް ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ، ހަތަރު އަހަރު ދުވަހެވެ.