ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ރޭ މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ރޭ މެންދަމު 3:55 ގައި މަރުވެފައި ވަނީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދިޔަ 58 އަހަރުގެ އަންހެނެއް ކަމަށެވެ.

މަރުވި އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ވަޅުލާފަ އެވެ. މި މީހާއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 32 އަށް އަރާފަ އެވެ.

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 9،052 އަށް އަރައިފަ އެވެ. އަދި 1،960 އެކްޓިވް ކޭސްގެ ތެރެއިން އެޑްމިޓްކޮށްގެން 116 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މި މީހާގެ މަރާއެކު މިއީ މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮވިޑް ބަލީގައި މަރުވި ހަތަރު ވަނަ މީހާ އެވެ. މިދިޔަ އޯގަސްޓް މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވީ ނަމަވެސް، ބައްޔާ ދެކޮޅަށް ބައެއް ފިޔަވަޅުތައް ފަހުން ހަރުކަށި ކޮށްފައިވާއިރު، ފާއިތުވި ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ބަލި ޖެހޭ މިންވަރު ވަނީ ދަށަށް ދާން ފަށައިފަ އެވެ.