ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ހަޅުތާލުކުރައްވާ، އަމިއްލަ މޭޒުގައި ހަރުކޮށްފައިހުރި މައިކު ބިންދާލި މައްސަލަ ރައްޔިތުން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅައިފި އެވެ.
މަޖިލިހުގެ ނައިބު ރައީސަކު ހޮވަން ބޭއްވި ޖަލްސާ އަށް ފަހު ކޮންމެ ދުވަހަކުހެން ޖާބިރު ގެންދަވަނީ އިހްތިޖާޖް ކުރައްވަމުންނެވެ. ޖާބިރު އިހްތިޖާޖް ކުރައްވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގައި މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރުމަށް ބޭއްވި ވޯޓުގެ ނަތީޖާއާ ގުޅޭ ގޮތުން ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި މަޖިލިހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަޑައިގަތީ މެމްބަރުންނަށް ރިޝްވަތު ދެއްވައިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޖާބިރުގެ މޭޒުމަތީގައި ބަހައްޓާފައިވާ މައިކްރޯފޯނު ބަދަލު ކުރަންޖެހޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެ ބަދަލުކުރުމަށް 5،100ރ. ހަރަދު ވާނެ ކަމަށް މަޖިލިހުގެ އިދާރާ އިން ބުނެފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ މެމްބަރުން އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލު ކުރެވިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެހެންވީމަ، މިކަމާ ގުޅޭ ގޮތުން އިމްތިޔާޒާއި ސްލޫކު ކޮމިޓީގެ ލަފައެއް ހޯދުމަށް އެ ކޮމިޓީއަށް މި މައްސަލަ ފޮނުވާނެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.
އިއްޔެ ޖާބިރުގެ ނަން އިއްވުމުގެކުރިން މަޖިލީހުގެ ރިޔާސަތުން އެބޭފުޅާއަށް ދެ ފަހަރުގެ މަތިން ނަސޭހަތްތެރިވެފައިވެ އެވެ. ނަމަވެސް، ޖާބިރުގެ އަމަލުތަކަށް ބަދަލެއް ނައުމުން ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކޮށް ދިއުމަށް އަންގަވާފައިވެ އެވެ. ނަމަވެސް މަޖިލީސް ދޫކޮށް ދިއުމުގެ ކުރިން ޖާބިރު ވަނީ، އޭނާގެ މޭޒުކޮޅުގައި ހަރުކޮށްފައިހުރި މައިކު ބިންދާލައިފަ އެވެ.