ޕޮލިސް ކޮލެޖު ހިންގުމާ ހަވާލުވެ ހުންނެވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން، ހެޑް އޮފް އޮފީސް އޮފް ކޮމިޝަނަރުގެ މަގާމަށް އައްޔަންކޮށް، އެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު، ޔޫނުސް ސޮބާހް ޕޮލިސް ކޮލެޖުގެ ވެރިޔަކަށް އައްޔަންކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން މިބަދަލު ގެނެސްފައިވާކަން މިނޫހަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޝިފާނަކީ މީގެކުރިން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ވެރިޔާކަމުގެ މަގާމާއި ފުލުހުންގެ ތަރުޖަމާނުގެ މަގާމްވެސް އަދާ ކުރެއްވި ބޭފުޅެކެވެ. އަދި އައްޑޫ އާއި ފުވައްމުލައް ހިމެނޭ ރީޖަންގެ ކޮމާންޑަރުކަން ވެސް ޝިފާން ކުރައްވާފައިވެ އެވެ. އަދި އައްޑޫ ޕޮލިސް އެކަޑަމީއަށް ބަދަލުކުރުމުގެ ކުރިން ޝިފާން ހުންނެވީ ހެޑް އޮފް މާލެ އޭރިއާ 1 (މާލޭ ސިޓީ ޕޮލިސް)ގެ މަގާމުގަ އެވެ.

ޔޫނުސްއަކީ މީގެ ކުރިން ވެސް އައްޑޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް 2013 ވަނަ އަހަރު ފުލުހުންގެ ވަޒީފާ އިން އިސްތިއުފާ ދެއްވުމަށް ފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ އަލުން އެ ހިދުމަތާ ގުޅިވަޑައިގެންފަ އެވެ.