އުރީދޫ ޑްރޯން ރޭސް 2023 - ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އުރީދޫއިން ބުނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން 12 ހުނަރުވެރި ޕައިލެޓުން ވާދަކުރިއިރު، ސްކައި ވޯކާ ކެޓެގަރީ އިންނާއި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް އެ ޕައިލެޓުންގެ ހުނަރު ދައްކުވައިދީފައިވާ ކަމަށެވެ. ސްކައި ވޯކާ ކެޓަގަރީގައި ހަތަރު ހުރަހަކުން 8 ޕައިލެޓުން ހުނަރުވެރިކަމާއެކު ޑްރޯންތަކަށް ދުއްވާފައިވާއިރު، ސްކައި އެލީޓް ކެޓަގަރީން ހަތަރު ބައިވެރިން ނުވަ ހުރަހަކުން ދަތުރުކޮށް އެންމެ ހަލުވި ވަގުތުގެ ތެރޭގައި ދެ ލެޕް ނިންމުމަށް ވާދަކޮށްފައިވެ އެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޑްރޯން ރޭސް އުރީދޫ ޑްރޯން ރޭސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސްޓެބިސިސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޑްރޯން ރޭހުގައި ވާދަކޮށް ވަނަތައް ހޯދި ހުނރުވެރި ޕައިލެޓުންނަށް ވަރަށް ހޫނު މަރުޙަބާ ދަންނަވަން. މިއަހަރުގެ ޑްރޯން ރޭހުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، އާ ކަންތައްތަކާއެކު މިއަށްވުރެ ވެސް ފުރިހަމަކަމާއެކު އުރީދޫ ޑްރޯން ރޭސް ކުރިއަށް ގެންދިއުމަށާއި ރާއްޖޭގައި ޑްރޯން ރޭސިންގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.

ސްކައި އެލީޓް ކެޓަގަރީން ވާދަކުރި ފަރާތްތަކުގެ ތެރެއިން 1:00:55 ގެ ތެރޭގައި ރޭސް ނިންމާ އެއްވަނަ އަށް ދާ ފަރާތައް ލިބޭ ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) ކާމިޔާބުކޮށްފައި ވަނީ މުހައްމަދު އާލިން ޝާފިއު އެވެ. 1:06:11 އިން ރޭސް ނިންމައި، ހަމްޒާ ވަސީމް ދެވަނަ ހޯދާފާ ވާއިރު، 3 ވަނަ ކާމިޔާބުކޮށްފައިވަނީ 1:08:10 މިނެޓުން ރޭސް ނިންމި ހުސައިން އަލޫފް ރިޔާޒެވެ. ދެވަނަ އަށް ދިޔަ ފަރާތަށް 3 މަސް ދުވަހުގެ (1536 ޖީބީ) ޕެކޭޖާއި އެކު އުރީދޫ 5ޖީ އެއާފައިބާ ޑިވައިސްއެއް ލިބިފައިވާއިރު ތިން ވަނަ ހޯދި ފަރާތައް ލިބުނީ 2000 ރުފިޔާގެ މޫލީ ވައުޗަރެކެވެ.

ސްކައި ވޯކާ ކެޓަގަރީގެ އެއްވަނަ އިބްރާހިމް ޝަބީލް 01:11:78 އިން ރޭސް ނިނަމާފައިވާއިރު، ދެވަނަ އަށް ދިޔަ އައްޝަމް ޝަރީފް ހުނަރުވެރިކަމާއެކު 01:25:94 ތެރޭގައި ރޭސް ނިންމީ އެވެ. އަދި ތިން ވަނަ އަކީ އައްޝަމް ޝަރީފެވެ. މި ކެޓެގަރީ އިން އެއްވަނަ ހޯދި ޝަބިލް އަށް ޑީޖޭއައި މިނީ 2 އެސްއީ އެއް ލިބިފައިވާއިރު ދެ ވަނަ ހޯދި ފަރާތައް 3 މަސް ދުވަހުގެ (750 ޖީބީ) ޕެކޭޖާއި އެކު އުރީދޫ 5ޖީ އެއާފައިބާ ޑިވައިސްއެއް ލިބިފައިވެ އެވެ. މީގެ އިތުރުން 01:27:36 ރޭސް ނިންމާ ތިން ވަނަ ހޯދި މިފްޒާލް އިބްރާހިމް ފަޒީލަށް 1000 ރުފިޔާގެ މޫލީ ވައުޗަރެއް ލިބިފައިވެ އެވެ.

"ރާއްޖޭގެ ރަސްމީ ޑީޖޭއައި އޮތޮރައިޒްޑް ސޭލަރގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް ކާމިޔާބުކަމާއެކު ނިންމާލުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އަދި މި އިވެންޓުގެ ކާމިޔާބީގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މިފަދަ އިވެންޓުތަކާއެކު ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އެފްޕީވީ ރޭސިން އިތުރުވެ ފުޅާވެގެންދިއުން" ސްޓެބިސިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ވިދާޅުވި އެވެ.

އުރީދޫ ޑްރޯން ރޭސް 2023 ގެ ކާމިޔާބީއާއި އެކު، އުރީދޫ މޯލްޑިވްސް އާއި ސްޓެބިސިސް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ޑްރޯން ރޭސިން ކުރިއެރުވުމަށް ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނެކަމަށް ބުނެފައިވެ އެވެ.