ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އަލީ ޝުޖާއު މިއަދު އައްޔަން ކުރައްވައިފި އެވެ.

ފުލުހުންގެ އެންމެ މަތީ ވެރިއަކަށް ބޭފުޅަކު ރައީސް މުއިއްޒު މި ހަމަޖެއްސީ ވެރިކަމަށް ވަޑައިގެންނެވިތާ މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

ޝުޖާއު އަށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ. ޝުޖާއު މިހާތަނަށް ހުންނެވީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގަ އެވެ.

ޝުޖާއު ވަނީ ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވައިފަ އެވެ.

ޝުޖާއު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާ އޮފް މެނޭޖްމަންޓް ހާސިލު ކުރައްވައިފަ އެވެ. އަދި އޭނާއަކީ އެމެރިކާގެ ޔުނިވަސިޓީ އޮފް ވަޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގުރެޖުއޭޓެކެވެ.

މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހުންނެވުމަށް ފަހު ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ގަ އެވެ.

އާ ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރެއްވީ އެންމެ ފަހުން އެ މަގާމު ފުރުއްވި މުހައްމަދު ހަމީދު މިދިޔަ ނޮވެމްބަރު 15 ގައި ރިޓަޔާ ކުރެއްވުމުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް ފުލުހުންގެ އިދާރާ ހިންގުމުގައި އިސްކޮށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.

ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަން ކުރެއްވީ، ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕޮލިސް ބޯޑުން އިންޓަވިއުކޮށް، އޭނާގެ މަސައްކަތްތައް ވަޒަންކުރުމަށް ފަހު އެވެ. ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު ކަނޑައަޅަނީ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.