ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަންދުކޮށްފައިވާ ސަރަހައްދަށް ހުއްދަ ނެތި ވަނުމަކީ މަނާ ކަމެއް ކަމަށް އާބަންކޯއިން ބުނެފި އެވެ.
އާބަންކޯއިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަންދުކޮށްފައިވާ ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދެއް ނޫން ކަމަށެވެ. ނަމަވެސް އެސަރަހައްދަށް މަދުން ނަމަވެސް އާންމުން ވަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ.
ތަކުރާރުކޮށް އެކި ފަހަރުމަތިން މިސަރަހައްދަށް ނުވަނުމަށް އިލްތިމާސްކޮށްފައި ވާނެ ކަމަށްވެސް އާބަންކޯއިން ހާމަކޮށްފައިވެ އެވެ.
އާބަންކޯއިން ބުނީ މިދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ގިނަވެ ހުޅުމާލޭގައިވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމުން، ސިއްހީ ދާއިރާގެ ހިދުމަތްތެރިން ދަނީ ތަކުރާރުކޮށް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުން ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ދިޔަވަހީގައި ބަންދުކޮށްފައިވާ ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަށް ވެފައި މި ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރާ ކަމަށެވެ.
ޒަރޫރީ އެއްވެސް ބޭނުމަކާ ނުލައި ހުއްދައެއް ނެތި، މިސަރަހައްދަށް ނުވަނުމަށް އާބަންކޯއިން އެދެ އެވެ.