މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ އިންތިހާބީ ކައުންސިލަރު އަހުމަދު ރިޝްވާން ކައުންސިލަރު ކަމުގެ ހުވާ ނުކުރައްވަނީސް، އެމްޑީޕީ ދޫކުރައްވައި ވެރިކަން ކުރާ ޕީއެންސީއާ މިރޭ ގުޅިވަޑައިގެންފި އެވެ.
ޕީޕީއެމުން މިރޭ ކުރި "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މެދުހެންވޭރު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ކައުންސިލް މެމްބަރު އަހުމަދު ރިޝްވާން މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ. ޕީޕީއެމުން ވަނީ އޭނާ އަށް މަރުހަބާ ދަންނަވައިފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައި އިލެކްޝަންގައި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އިންތިހާބު ކުރުމުގެ އިތުރުން މާލޭގެ މޭޔަރާއި އިތުރު ދެ ގޮނޑިއަކަށް ކައުންސިލަރުން އިންތިހާބު ކުރުން އޮތެވެ.
މި އިންތިހާބުގައި މާލޭގެ މޭޔަރަކަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އާދަމް އާޒިމެވެ. މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރަކަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު އައިމިނަތު ރިޝްފާ އަހުމަދެވެ. އަދި މެދުހެންވޭރަށް އިންތިހާބުވެވަޑައިގެންނެވީ ރިޝްވާނެވެ.
ބައި އިލެކްޝަންގައި ރިޝްވާން އާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ޝައުފާ ސަލީމެވެ. ރިޝްވާނަށް 320 ވޯޓު ލިބިވަޑައިގެންނެވި އިރު، ޝައުފާ އަށް 305 ވޯޓު ލިބިވަޑައިގެންނެވި އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ މުހައްމަދު ޒައިން ހަސަނަށް 190 ވޯޓު އަދި އަބްދުﷲ އަތޫފަށް 229 ވޯޓު ލިބުނެވެ.
އިންތިހާބީ ކައުންސިލަރުން ހުވާ ކުރަން ބާއްވާ ރަސްމިއްޔާތު މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.