ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފި އެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރަން އެކުލަވައިލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމުގައި ގަބޫލުކުރާ ކަމަށެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާގައި މެންދުރު ފަހު، 1:30 އަށް ވަނީ ވަޒީރުންނަށް ރުހުންދޭން ވަނީ އެޖެންޑާކޮށްފަ އެވެ. އެކަމަކު، އިދިކޮޅު ދަ ޑިމޮކްރެޓުންނާއި އެމްޑީޕީން ގެންދަނީ ބައެއް ވަޒީރުންނަށް ރުހުންނުދޭނެ ކަމަށް ބުނަމުންނެވެ.
"ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ގާބިލު ބޭފުޅުން އައްޔަން ކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެކެވެ،" އެ ބަޔާނުގައި ވެއެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަ ގޮތުގައި ތަންފީޒު ކުރައްވުމު ގައި ކުރާން ޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ ކަމަށާއި އެބޭފުޅުންނަށް އެ ކޯލިޝަންގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
އިދިކޮޅު ޑިމޮކްރެޓްސް އިން ވަނީ ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމައިފަ އެވެ. ރުހުން ނުދޭން ނިންމާފައި ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީވެސް ވަނީ ހަތަރު ވަޒީރަކަށް ނުހުން ނުދޭން ނިންމާފަ އެވެ. އެއީ ހައުސިން މިނިސްޓަރު ޑރ.ހައިދަރު އާއި އިކޮނޮމިކް މިނިސްޓަރު ސައީދު އާއި އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ.