ގުޅިފަޅު ހިއްކުން ހުއްޓާލުމަށް ހައިކޯޓުން މިއަދު ނެރުނު އަމުރު އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފި އެވެ.
ގުޅިފަޅު ހިއްކުން ހުއްޓުވުމުގެ އަމުރެއް ހައިކޯޓުން މިއަދު ނެރުނީ ހުމައިދާ އަބްދުލްޣަފޫރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެދުނިނެވެ. އެ ނިންމުން އިސްތިއުނާފުކުރުމުން ހައިކޯޓުން ވަނީ ބިންހިއްކުން ހުއްޓާލުމަށް އަމުރެއް ނެރެފަ އެވެ.
މިކަމާ ގުޅިގެން ބަންޑާރަ ނައިބު އަހްމަދު އުޝާމް މިރޭ އެކްސްގައި ވިދާޅުވީ ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް ކަމަށެވެ. އަދި ގުޅިފަޅު ބިން ހިއްކުމުގެ %80 ވަރު މިހާރު ނިމިފައިވާއިރު، މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
"ދައުލަތުގެ ފަރާތުން މިނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ވާނީ ނިންމާފަ،" އުޝާމް ވިދާޅުވި އެވެ.
ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަޣުލަބިއްޔަތުން ނެރުނު އަމުރުގައި ބުނެފައި ވަނީ މައްސަލާގައި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭއިރު އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާ ކަމަށެވެ.
އެ މަސައްކަތް ހުއްޓުވާފައި ވުމުގެ ސަބަބުން ކޮންމެ ދުވަހަކު ގާތްގަނޑަކަށް ތިން ލައްކަ ޑޮލަރު ސަރުކާރުން ބިން ހިއްކާ ކުންފުންޏަށް ދައްކަންޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.