ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި އެވެ. މިކަން ހާމަކުރެއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައެވެ.
އާޒިމްގެ ޓުވީޓުގައި ވަނީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން އޭނާ މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ވެއްދީ ކިތައް މެމްބަރުންގެ ސޮޔާއެކުކަން ހާމަކޮށްފައެއް ނުވެ އެވެ.
މީގެ ކުރިންވެސް މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް އެމްޑީޕީން ކުރިއަށްގެންދިޔަ އެވެ.
މަލީހް މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމައި، އެމްޑީޕީގެ ޕީޖީއަށް މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ 10 މެމްބަރަކު ސޮއި ކުރައްވާފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު މި މައްސަލަ ހުށައެޅުމުން، އެމްޑީޕީގެ ޕީޖީއިން ފާސްކުރީ މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެންނެވުމަށެވެ. އަދި ސަރުކާރުގެ ވަޒީރެއްގެ އިތުބާރުނެތް ކަމުގެ މައްސަލަ ވައްދާނަމަ ރައީސުލްޖުމްހޫރިއްޔާއަށް އަންގަވާ އެމަނިކުފާނުގެ ބަހެއް ވެސް ހޯއްދެވުމަށެވެ.
އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވެސް މަލީހުއަށް އެމްޑީޕީގެ މެމްބަރުން ވަރަށްބޮޑަށް ފާޑު ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ވަނީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމަށް ކަނޑައެޅި ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް އެމްޑީޕީގެ އިތުބާރު ނެތް އެ މިނިސްޓަރު އަދިވެސް މަގާމުގައި ހުންނެވުމަކީ އެމްޑީޕީއިން ވަރަށް ބޮޑަށް ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް ކަމުގައެވެ.
އިންޓަނެޓް އަގުހެޔޮ ކުރުމާއި އެ މިނިސްޓްރީއާއި ގުޅުންހުރި ކަންކަމުގައި އެމްޑީޕީގެ ފާޑުކިޔުން މަލީހަށް ވަރަށް ބޮޑަށް އަމާޒުވެ އެވެ. އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މަލީހުގެ އިސްތިއުފާއަށް ވެސް އެމްޑީޕީން ގޮވަ އެވެ.