އިންޓަނެޓް ބޭންކިންގެ މައުލޫމާތު ތިންވަނަ ފަރާތަކަށް ނުދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި އިންޓަނެޓް ބޭންކިންގެ ހިދުމަތްދޭ ބީއެމްއެލް އިން މިއަދު ބުނީ ފައިސާ ދައްކާފައިވާކަން ޔަގީންކުރަން ބައެއް ކަސްޓަމަރުން ތާޑް ޕާޓީ ވެބްސައިޓް ބޭނުންކުރަމުންދާކަން އެ ބޭންކަށް ވަނީ ފާހަގަކުރެވިފާ ކަމަށެވެ. އެގޮތުން www.kashavaru.com ހިމެނޭހެން ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަނެޓް ބޭންކިން ޕްލެޓްފޯމް ބޭނުން ކުރުމަށް މަސައްކަތްކޮށް ތާޑް ޕާޓީ ޓްރާންސްފާ ކޮންފާމްކުރާ ކަމަށް އެ ބޭންކުން ބުންޏެވެ.
"މިގޮތުން ފުރަތަމަ ކަސްޓަމަރުންގެ ނަން، ފޯނު ނަންބަރު، އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ފޯރުކޮށްދޭން އެދޭ. އެއަށްފަހު ކަސްޓަމަރަށް ކޮންފަމޭޝަން ކޯޑު ލިބުމުން އިންޓަނެޓް ބޭންކިން ޔޫސާ ނޭމް އަދި ޕާސްވޯޑް ޖެހުމަށް އެދޭ،" ބީއެމްއެލް އިން ބުންޏެވެ. "އަޅުގަނޑުމެން ކަސްޓަމަރުންނަށް ކިބައިން އެދެނީ އިންޓަނެޓް ބޭންކިންގެ މައުލޫމާތު މިފަދަ ސައިޓްތަކާ އަދި އެހެން އެއްވެސް ފަރާތްތަކާ ހިއްސާ ނުކުރުމަށް. އަދި ޕޭމަންޓް ކޮންފާމް ކުރުމަށް މިފަދަ ވެބްސައިޓްތައް ބޭނުން ނުކުރުމަށް ވެސް އެދެން. ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ޔަގީންކުރެވޭނެ."
ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަންމަތީ ބެލެހެއްޓުމުގެ ޒިންމާއަކީ ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު އަހުމިއްޔަތުކަންދޭ އެއްކަން ކަމަށެވެ. އަދި އެހެން ފަރާތަކުން ކަސްޓަމަރުންގެ މިފަދަ މައުލޫމާތު ބޭނުންކުރުމާއި، ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން މުހިންމު ސަލާމަތީ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
"ނަމަވެސް، ކަސްޓަމަރުން އަމިއްލައަށް އެހެން ފަރާތަކާ މިފަދަ ޒާތީ ސިއްރު މައުލޫމާތު ހިއްސާ ކުރުމުން މި މައުލޫމާތު ރައްކާތެރިކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލްތަކަށް ނޭދެވޭ އަސަރުކުރޭ. އަޅުގަނޑުމެން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ އެއްވެސް ފަރާތަކާ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް. ބޭންކުން މިފަދަ ވެބްސައިޓްތައް މޮނީޓާ ކުރުމަށްފަހު ކަސްޓަމަރުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުންދާނެކަމުގެ ޔަގީންކަން އަރުވަން،" ބީއެމްއެލް އިން ބުންޏެވެ.