އަހަރުގެ އެންމެ ބަރަކާތްތެރި މައްސަރު އައިސް އަޅުގަނޑުމެންނާ ބައްދަލު ކޮށްފައިވާއިރު މި މައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ ހަމަ ކޮންމެ މުސްލިމަކަށްވެސް މުހިއްމު ކަމެކެވެ. އެގޮތުން މި މައްސަރު މާއްދިއްޔަތާއި ރޫހާނިއްޔަތަށް އެކަށީގެންވާ ވަގުތު ދިނުމަކީ އެގޮތުން ކުރަންޖެހޭ ކަމެކެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. ތަގުވާގެ މައްސަރެވެ. ރޫހާނިއްޔަތުގެ މައްސަރެވެ. އެހެން ނަމަވެސް ދުނިޔެ މަތީގައި ރޫހާނިއްޔަތާއެކު މާއްދިއްޔަތު ވެސް ބޭނުންވާއިރު މި ދެ ކަން "ބެލެންސް" ކުރުމަކީ މި މަހު ކުރަން ޖެހޭ އެންމެ މުހިއްމު އެއް ކެމެވެ.

ބޭކާރު ވަގުތު މަދުކުރޭ!

މި މައްސަރުގެ ކޮންމެ ހިނދުކޮޅަކީ ވެސް މުހިއްމު ބޭނުންތެރި ވަގުތުކޮޅެކެވެ. ދުވާލުގެ ވަގުތުތަކުގައި ދިރިއުޅުމަށް ކުރާ މަސައްކަތަށް ވަގުތު ދިނުމާއެކު ދީނީ ކަންކަމަށް ސަމާލުވާށެވެ. ރޭގަނޑުގެ ވަގުތުތައް ރޭއަޅުކަމާއި ތަގްވާގެ މަގުގައ ހޭދަކުރާށެވެ. ފޯނާ ކުޅުމުގައާއި ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު މަދު ކުރާށެވެ.

ކެއިންބުއިމުގައި މެދު މިންވަރު ޚިޔާރުކުރޭ!

ރަމަޟާން މަހަކީ އަހަރުމެންގެ ކެއިންބުއިމަށް ބޮޑު ބަދަލުތަކެއް އަންނަ މަހެކެވެ. ސަމާލުވާންޖެހޭ ކަމަކީ ރަމަޟާން މަހު ކެއިންބުއިމުގައި މެދު މިންވަރު ގެންގުޅުމެވެ. އިސްރާފު މަދު ކުރުމެވެ. އެހެން ނަމަވެސް އާއިލާއާއި އަވަށްޓެރިންނާއި ނިކަމެތިން ކާބޯތަކެތީގެ ޒަރީއާއިން ރޯދައިގެ އުފަލުގައި ބައިވެރި ކުރުމެވެ.

މާއްދިއްޔަތަށް ކުރާ ޚަރަދު މަދުކުރޭ!

ރަމަޟާން މަހާ ދިމާކޮށް ގޭގެ ފަރްނީޗަރުތަކާއި ހިފާ ގެންގުޅޭ އެހެނިހެން ސާމާނު އާ ކުރުމަކީ އަހަރުމެންގެ ދުވަސްވީ އާދަ އެކެވެ. އޭގެ ބަދަލުގައި އެކަމަށް ހޭދަވާ ފައިސާ ސަދަގާތް ކުރުމަކީ އޭގެ ހެޔޮކަން އިތުރުވާނެ ކަމެކެވެ. އާ ކުރި ނަމަވެސް ބޭނުން ކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި މިސްކީނަކަށް ނުވަތަ ފަގީރަކަށް ހަދިޔާ ކުރުމަކީ ވެސް މި މައްސަރުގެ ރޫހު އާލާވާނެ ކަމެކެވެ.