ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ކުރިއަށް ދާއިރު އާދައިގެ މަތިން ދިވެހިންގެ ރޯދަ ކުރު ކުރުން މި އަހަރު ވެސް ވަނީ ފެށިފަ އެވެ. ހަވީރު އަތަށް އެޅުމުން މަގުމައްޗާއި މައިޒާންތަކަށް ބާރުބޮޑުވާއިރު މިކަމުގައި ވަކި އުމުރު ފުރައެއް ނެތެވެ.

އެހެން ނަމަވެސް ގުޑި އެރުވުމާއި ސައިކަލު ބުރު ޖެހުމަށްވުރެ ރަނގަޅު ކަމެއް ކޮށްގެން ދުވަހުގެ ރޯދަ ކުރު ކުރުން މާ ރަނގަޅު ވާނެ ކަމަށް ފެނެ އެވެ.

ގިނައިން ގުރުއާން ކިޔެވުން

ރަމަޟާން މަހަކީ ކީރިތި ގުރުއާނުގެ މައްސަރެވެ. އެ މައްސަރުގައި ގިނަގިނައިން ކީރިތި ގުރުއާން ކިޔެވުމަކީ އަހަރުމެންގެ މައްޗަށް އޮތް ކަމެކެވެ. އެހެން ކަމުން މި ދުވަސްވަރު ލިބޭ ހުސްވަގުތުތަކުގައި މުނިފޫހި ފިލުވުމުގެ ކަމެއް ކުރުމުގެ ބަދަލުގައި ގުރުއާނުން މިންވަރެއް ކިޔަވާލުން ރަނގަޅުވާނެ އެވެ.

ދީނީ ހޭލުންތެރިކަން އިތުރު ކުރުން

ހަވީރު ފިންޏަށް ސައިކަލު ބުރު ޖަހަން ދިއުމުގެ ބަދަލުގައި ދީނީ ފޮތެއް ކިޔާލާށެވެ. ނުވަތަ ދީނީ ދަރުހެއް އަޑުއަހާާލާށެވެ. މިކަމުގައި އާއިލާގެ އެހެން މެމްބަރުން ވެސް ބައިވެރި ކުރާށެވެ. އޭރުން އާއިލާއާއެކު ވަގުތު ހޭދަކުރެވުމާއެކު ދީނީ މައުލޫމާތުގެ ޚަޒާނާ މުއްސަނދިވާނެ އެވެ.

ސަދަގާތް ކުރުން

ބޭނުންޖެހިފައިވާ ފަރާތްތަކަށް ޒިއާރަތްކޮށް އެމީހުންގެ ހާލު އަހުވާލު ބަލާލާށެވެ. ތިބާގެ ފުދުންތެރިކަން ހުރި މިންވަރަކުން އެފަދަ ފަރާތްތަކަށް ސަދަގާތްކޮށް ރޯދަ މަހުގެ އުފަލުގައި ބައިވެރި ކުރާށެވެ. ކުޑަކުދިންގެ ހިޔާއާއި އުމުރުން ދުވަސްވީ މީހުން ބަލާ މަރުކަޒުފަދަ ތަންތަނަކީ ތިބާގެ ކުޑަ ނަމަވެސް އެހީއެއް ދެވިދާނެ ތަންތަނެވެ.