ރަމަޟާން މަސް ފެށިގެން ކުރިއަށް ދާއިރު މި މަހަކީ އާއިލާ އާއި ގާތް ތިމާގެ މީހުންނާ އެކު އޮންނަ ގުޅުން ރަނގަޅު ކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ. ގިނަ ބަޔަކު މި ފުރުސަތުގެ ބޭނުން ހިފާކަން ވެސް ފާހަގަ ކުރަން ޖެހެ އެވެ.

އެގޮތުން ރޯދަ މަހާ ގުޅުވައިގެން އާއިލާ ތެރޭގައި އެކި ކަހަލަ ކަންތައްތައް ރޭވެ އެވެ. އޭގެ ތެރެއިން ވެސް ރޯދަ މަހުގެ ޖޯޝާއި ފޯރި އިތުރުކޮށްދޭ ކުޅިވަރު މުބާރާތްތައް ފާހަގަ ކުރެވެ އެވެ.

އާއިލާގެ އެކި އުމުރުގެ މެމްބަރުން ބައިވެރި ވެގެން "ޑިގު"އާއި ރާޒުވާ އަދި ބަރުދަން ލުއިކުރުން ފަދަ އާއިލީ ކުޅިވަރު މުބާރާތްތައް މިހާރު އަންނަނީ އާއްމު ވަމުންނެވެ.

މިގޮތަށް ބާއްވާ މުބާރާތްތަކުގައި ވަނަ ވަނައަށް އަންނަ ފަރާތްތަކަށް އިނާމުތައް ވެސް ހުށަހަޅަ އެވެ. އެގޮތުން ފައިސާގެ އިނާމާއި އެހެނިހެން އިނާމުތައް ވެސް ދީ އުޅެ އެވެ.

މިފަދަ ކަންކަމަކީ ވަކި ހައްދެއްގެ ތެރޭގައި ކުރެވޭ ނަމަ ރޯދަ މަހުގެ ރޫހާއި ޖޯޝް އިތުރުކޮށްދޭނެ ރަނގަޅު ކަންކަމެވެ. އެހެނީ މި މައްސަރުގައި އާއިލީ ގުޅުންތައް ބަދަހި ކުރުމަކީ މުހިއްމު ކަމެކެވެ.

އެހެން ނަމަވެސް ހަނދާން ބަހައްޓަންވީ ކަމަކީ ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރު ކަމެވެ. މިއިން އެއްވެސް ކަމަކުން ތިމާގެ އަޅުކަމަށް އެއްވެސް އަސަރެއް ކޮށްގެން ނުވާނެ ކަމެވެ.