މިސަރުކާރާއެކު ރާއްޖޭގެ ޖުޑިޝަރީ އޮތީ ކަނު އަނދިރީގައި ބިރުން ސިހިފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު، ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްތިއުނާފީ ހައްގަކީ ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އަސާސީ ހައްގެއް ކަމަށާއި ނަމަވެސް އެ ހައްގު މި ސަރުކާރުން ހިފަހައްޓާފައިވާ ކަމަށެވެ.
"އެކަން ހިފަހައްޓަނީ މިއަދު ރައީސް ޔާމީންގެ ނަމުގައި ވެރިކަމަށް އައި ސަރުކާރުން. ޖުޑިޝަރީ އޮތީ ކަނު އަނދިރީގައި ބިރުން ސިހިފައި،" ޖަމީލް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ދީފައިވާ ލުއިތައް މި ސަރުކާރުން ރިވިއު ކުރަމުންދާތީ އެކަމާ ނުރުހުން ފާޅުކުރައްވާ ޑރ. ޖަމީލް ވިދާޅުވީ، ކަރެކްޝަނުން ދައްކާފައި ވަނީ ބޭކާރު ވާހަކަތަކެއް ކަމަށެވެ.
މީގެ އިތުރުން ޑރ.ޖަމީލު ވިދާޅުވީ ޔާމީންގެ އެ ހައްގު ހިފަހައްޓާފައި ވަނީ އެމަނިކުފާނުގެ ނަމުގައި ވެރިކަމަށް އައިސް އޮތް މިއަދުގެ ސަރުކާރުންނެވެ.
ޑރ. ޖަމީލް ވަނީ ރައީސް ޔާމީންގެ އިސްތިއުނާފު އަވަސް ކުރަން ތަކުރާރުކޮށް އެދެމުން އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރައީސް ޔާމީންއަށް ލުއި ދީ، ގެއަށް ބަދަލުކުރީ ކުރީ ސަރުކާރަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެ ގޮތް ހުސްވުމުންނެވެ. މި ސަރުކާރުން ރައީސް ޔާމީން މިނިވަން ނުކުރާތީ އާއި އެމަނިކުފާނަށް އިތުރު ލުއިތަކެއް ނުދެއްވާތީ ސަޕޯޓަރުން އެކަމުގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ. އެ މައްސަލަގާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވީ ނަމަވެސް ހުކުމް އިއްވުމަށް އަޑުއެހުން ބާއްވާނެ ތާރީހެއް ހައިކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.