ޕީޕީއެމްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހެވެއް ނޭދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން، ސަރުކާރުގެ އިސްވެރިންތައް ރައީސް ޔާމީނަށް ނުސީދާކޮށް ރައްދު ދޭން ފަށައިފި އެވެ.
ޕީއެންއެފްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ މިފަހަރުގެ މަޖިލީހަށް ޕީޕީއެމްގެ ނަމުގައި މެމްބަރުކަމަށް ވާދަކުރަން ރައީސް މުއިއްޒު ފުރުސަތު ނުދެއްވިކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން މިހާރު ވެސް ޕީޕީއެމްގެ ދަފްތަރުގައި ތިއްބެވި މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއާއި އަހުމަދު ތޯރިގުއަށް މަޖުބޫރު ކުރުވައިގެން ޕީއެންސީ ނަމުގައި މި ފަހަރު މަޖިލީހަށް ވާދަކުރުވާ ކުރުވުމުން ފެނިގެން ދަނީ ޕީޕީއެމް ފަސްއަޅާ ވަޅުލަން ސަރުކާރުން ކުރާ މަސައްކަތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ޕީޕީއެމްގައި ތިބި ލޮބުވެތި މެމްބަރުންނަށް އޮޅުވާލައި އެ މެމްބަރުން ލައްވާ ޕީއެންސީއަށް ސޮއިކުރުވާ ރައީސް މުހައްމަދު މުއިއްޒު ހިންގެވީ ޖަރީމާއެއްކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީންގެ އެ ވާހަކަފުޅާ ގުޅިގެން ސަރުކާރު ހިންގާ ޕާޓީގެ އިސްވެރިން ވަނީ ރައީސް ޔާމީންގެ ނަން ނުގެންނަވައި އެ ބޭފުޅުން ތިއްބެވީ ވަރަށް ބަދަހިކޮށް ކަމަށް ވިދާޅުވެ ރައްދު ދެއްވައިފަ އެވެ. މީގެ ތެރޭގައި ކުރިން ރައީސް ޔާމީންގެ އެންމެ އަރިސް އަބްދުއްރަހީމް އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު އަދި ބޮޑުބޭބެ ވިދާޅުވާ ޣައްސާން މައުމޫން އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ހިމެނެ އެވެ. އަދި ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލުއާ އެލްޖީއޭ މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އިތުރުން އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ވެސް ހިމެނެ އެވެ.
ސަރުކާރުގެ އިސް ބޭފުޅުން މައިގަނޑު ގޮތެއްގައި ދެއްވި ރައްދުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވާ ވަޑައިގެންނެވި ވާހަކަ އެވެ. އަދި ޕާޓީއާއި މެމްބަރުންނަށް ހެވެއް އެދިވަޑައިގަންނަވާ ނަމަ އެހެން އެކަން ނުކުރައްވާނެ ކަމަށެވެ.
އެ ބޭފުޅުންގެ މި ރައްދަށް ޖަވާބު ރައީސް ޔާމީން ވަނީ މާކުރިން ދެއްވާފަ އެވެ. އެގޮތުން ރައީސް ޔާމީން ޕާޓީއިން ނުކުމެވަޑައިގެންނެވީ ޕާޓީއަށް އެމަނިކުފާނުގެ ބަސް ނުހިނގާ އެމަނިކުފާނުގެ އިރުޝާދަށް ތަބާނުވުމުން ކަން އެމަނިކުފާނު ހާމަކުރައްވާފައިވެ އެވެ.