ގދ. މަޑަވެލީގެ ރައްޔިތުންގެ ފެން ތާނގީތަކަށް ބަޔަކު ކަޅުތެޔޮ އަޅައިފި އެވެ.

މަޑަވެލި ކައުންސިލް އިދާރާއިން ނެރެފައިވާ ލިޔުމުގައި ވަނީ އެ ރަށުގެ މަސްޖިދުއް ތަޤުވާގެ ގޯތިތެރޭގައި ބެހެއްޓިފައިވާ ފެން ތާނގީތަކަށް ބަޔަކު ކަޅުތެޔޮ އަޅާފައިވާ މައުލޫމާތު ކައުންސިލާއި ހިއްސާކުރުމާއި ގުޅިގެން އެ ކައުންސިލުން ބެލިބެލުމުން ތިން ތާނގީއަށް ކަޅުތެޔޮ އަޅާފައިވާކަން ވަނީ ޔަގީންވެފަ އެވެ. އަދި އެ ތާނގީތަކަށް ކަޅުތެޔޮ އެޅުމާ ގުޅިގެން އެ ފެން ތާނގީތަކުން ވަގުތީގޮތުން ފެން ބޭނުންކުރުން ހުއްޓާލުމަށް އެ ކައުންސިލުން ވަނީ އަންގައިފަ އެވެ.

ކައުންސިލުން ބުނީ އެ ތިން ތާނގީތަކަކީ އެއްހޮޅިއަކުން ގުޅާލެވިފައިވާ ތާނގީތަކެއް ކަމުން މުޅި ފެންލައިނަށް ކަޅުތެލުގެ އަސަރުވަނީ ކޮށްފަ އެވެ. އެހެންވެ ކައުންސިލުން މިހާރު ވަނީ އެ ފެން ތާނގީތަކުން ފެން ނަގައި، ބޭނުންނުކުރުމަށް އަންގާފަ އެވެ.

މަޑަވެލި ކައުންސިލުން ދަނީ މިހާރު ތާނގީތައް ސާފުކުރުމުގެ އިންތިޒާމް ހަމަޖައްސަމުންނެވެ. އަދި ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރާ ގުޅިގެން އެ ރަށަށް ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް ބުންޏެވެ.

މަޑަވެލި ކައުންސިލުން ވަނީ ދަށު ދަރަޖައިގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.